އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ އެ ވީޑިއޯއިން ފެންނަ އެކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް އޭނާ މިރޭ ފުލުހަށް ހާޒިރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުކުރީ ނާޒިމާއި ބިދޭސީ ފިރިހެނަކު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ. ނާޒިމް ފެންނަ ވީޑިއޯ އާންމުވުމާއެކު، ނޫސްވެރިން ސުވާލު ކުރަން ފެށުމުން ފުލުހުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނާޒިމް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް، ސުވާލުކުރިޔަސް އެ ކަމާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާއާ ވާހަކައެއް ނުދައްކައެވެ.
ނާޒިމް، ފުލުސް އިދާރާއިން ނިކުންނެވުމުން ނޫސްވެރީން ވަނީ އޭނާއާ ސުވާލު ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ވަރަށް އަވަސް އަވަހަށް ކާރަށް އަރައިގެން ވަޑައިގެން އެސަރަހައްދު ދޫކޮށް ގޮސްފައެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒިމަކީ ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ކިޔަވައިދޭންވެސް ދާ މީހެއްކަން ފާހަގަކުރެވެއެވެ. އެ ވީޑިއޯއިން ފެންނަނީ އެނާ ނޫންކަމަށް ނާޒިމް ބުނި ނަމަވެސް އެ ވީޑިއޯގެ ސްކްރީންޝޮޓްތައްވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިވާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި ވާކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯއާއި ގުޅިގެން ނާޒިމް ވަނީ އެއީ އެޑިޓެއް ކަމަށް ބުނެފައެވެ. އަދިމިއީ އަގުވައްޓާލުމަށް ހިންގާ ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ނާޒިމް ވަނީ ސިފަކޮށްފައެވެ. ނާޒިމްގެ ވީޑިއޯއާއި ގުޅިގެން ގިަނ ބަޔަކު ދަނީ އޭނާ ހައްޔަރު ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.