އިސްލާމް ދީނާއި ގުޅޭގޮތުން މަޖިލީހަށް ހުށަހެޅޭ ބިލްތަކުގައި ޕާޓީން ސްޓޭންޑެއް ނެގި ކަމުގައިވިޔަސް، އަދި އެހެން ބަޔަކު ސްޓޭންޑެއް ނެގި ކަމުގައި ވިޔަސް، އެކަމަކާ ދޭތެރޭ ވިސްނާފަ، ދީނީ ހުކުމްތަކާއި ގުޅޭ ކަންކަން ނިންމާނީ އިލްމުވެރިންގެ މަޝްވަރާގެ މައްޗަށްކަމަށް ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް ވިދާޅު ވެއްޖެއެވެ.
ވީޓީވީން ރޭ ގެނެސްދިން ފަސް މަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވި ގޮތުގައި، އިސްލާމް ދީނުގެ ހުކުމަކާއި ގުޅިގެން އަންނަ ކަމެއްގަ ކަންކަން ނިންމޭވަރުގެ ދީނީ އިލްމުވެރިންނެއް ޕާޓީތަކުގެ ނެތްކަމަށާއި، އެހެންނަމަވެސް ރާއްޖެއަކީ %100 މުސްލިމު ގައުމަކަށް ވާތީ ހުރިހާ ޕާޓީއެއްގައިވެސް ތިބެނީ ހުސް މުސްލިމުން ކަމުގައެވެ.
އިސްލާމް ދީނާއި ގުޅުންހުރި ކަމެއްގަ އެ ހައްގެއް ލިބިގެނެއް ނުވޭ އެއްވެސް އެހެން ބަޔަކަށް، ޕާޓީއަކަށްވެސް ލިބިގެނެއް ނުވާނެ.. އަޅުގަޑުގެ ދާއިރާގެ ބައެއް ބޭފުޅުންނަކަށްވެސް ލިބިގެނެއް ނުވާނެ.. އިސްލާމް ދީނުގެ ހުކުމަކާ ނޫނީ އިސްލާމީ އަގީދާއާއި ގުޅޭގޮތުން ފޮނުވާފަ އިންނަ ކަމެއްގަ އަޅުގަޑުވެސް މަޝްވަރާ ހޯދަންޖެހޭ ކަމުގެ މީހުން ކައިރިން.. އިލްމުވެރިން ކައިރިން.. އަޅުގަޑަށްވެސް ގަބޫލުކުރެވޭ ލެވެލްގެ އިލްމުވެރިން ކައިރިން އަޅުގަޑުވެސް އެކަން އޮޅުން ފިލުވާފަ އެކަން ނިންމާނީ އިލްމުވެރިންނާ މަޝްވަރާ ކުރުމަށްފަހު.
ސަނީފް ވިދާޅުވެފައި ވެއެވެ.
ސަނީފް ވިދާޅުވި ގޮތުގައި ގާނޫނު ބުނަނީ އިސްލާމީ ޝަރީއަތާއި އިސްލާމްދީނާއި ޚިލާފް ނުވާގޮތެއްގެ މަތިން ގާނޫނުތައް ހަދަން ކަމަށާއި، އަދި މެމްބަރުން ހުވާ ކޮށްގެން ތިބީވެސް އެގޮތަށް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދީނީ މައްސަލަ ތަކަކީ އަދި އެހެން ދީންތަކާއި ގުޅޭ މައްސަތަކަކީވެސް އޭގެ ޚިޔާލު އާންމު ގޮތެއްގައި ތަފާތުވާ ވަރަށް ބޮޑެތި މައްސަލަތައް ކަމަށާއި، ފަހަރައްގަ އެންމެން ރުހޭ ގޮތަކަށް މަޖިލިހުގައި ވާހަކަ ނުދެއްކިދާނެ ކަމަށެވެ.
މިގޮތުން މަޖިލިހަށް ހުށެހެޅިގެން ދިޔަ ނަފްރަތުގެ ބިލުގެ މައްސަލާގައިވެސް އަމަލް ކޮށްފައިވާނީ އެގޮތުގެ މަތިންކަމުގައިވެސް ސަނީފް ވިދާޅުވެފައި ވެއެވެ.