މަސްވެރިކަމަށް ވެފައިވާ ވައުދުތައް ތަންފީޒުނުވެ، މަސްވެރިންނަށް ދަތިތަކާއި ކުރިމަތިވާނަމަ ޝޫޢޫރު ފާޅުކުރާނެ ކަމަށާއި، އެ އަޑު ސަރުކާރުން އަހަން ޖެހޭނެ ކަމުގައި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން މުހައްމަދު ބުނެފިއެވެ.
މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބި އެއްދުވަހުން އަނެއް ދުވަހަށް މަސްވެރިކަމުގެ ހާލަތު ދަށްވުމާއި، ގުޅިގެން މަސްވެރިޔަކު ފާޅުކޮށްފައިވާ ޝުއޫރު ހިއްސާކޮށް އިމްރާން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަސްވެރިން ތިބީ ވަރަށް ފޮނި އުންމީދު ތަކެއްގައި ކަމަށެވެ. ނަމަވެސް އުންމީދުތައް ހާސިލުނުވެ، ބާނާ މަހަށް ހަމަ އަގުނުލިބޭނަމަ މަސްވެރިންގެ ޝަކުވާ ބޮޑުވާނެކަމަށް އިމްރާން ވަނީ ބުނެފައެވެ.
މަސްވެރިންގެ ޝަކުވާއަކީ ސިޔާސީ ވެގެން ކުރާ ޝަކުވާއެއް ކަމުގައި ނުދެކި، ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އިމްރާން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ޝަކުވާތައް އަމާޒުވާނީ އެއިރެއްގައި ހުންނަ ސަރުކާރާއި، ވެރިންނަށް ކަމަށާއި، ވެރިންގެ ލެވެލްގައި މި ޝަކުވާތައް އަޑުއަހައި ހައްލު ހޯދުމުގެ ޤާބިލްކަން ހުންނަންޖެހޭކަމަށް އިމްރާން ވަނީ ބުނެފައެވެ.
އުއްމީދު ކުރާފަދަ ނަތީޖާއެއް ނުފެންނަނަމަ މަސްވެރިޔާ ޝުއޫރު ފާޅުކުރާނެ، އަދި ބުނާ ބަސްތައް އަމާޒުުވާނީ އެވަގުތަކު އެކަމާ ހަވާލުވެ ތިބޭ ބަޔަކަށް.އެއީ ސިޔާސީ ވުންކަމަށް ވަންޏާ އެގޮތަށް ދެކެންވީ. ކަންކަމާ ހަވާލުވެ ތިބެންޏާ ފާޑުވެސްކިޔާނެ ، އަޑުއެހުމުގެ ޤާބިލް ކަންވެސް ހުންނަންވާނެ! pic.twitter.com/JpjG8UNJOs
— Imran Mohamed (@ImranMohamed25) November 14, 2020
އިމްރާން ހިއްސާކޮށްފައިވާ ވޯޑިއޯގައި މަސްވެރިއަކު ވަނީ މަސްވެެރިންނަށް މިއަދު ހަމަ އަގު ނުލިބި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަސްވެރިޔާ ބުނެފައިވަނީ މި ސަރުކާރު ވެރިކަމަށް ގެނައީ މަސްވެރިންގެ ބުރަ މަސައްކަތުން ކަމަށާއި، އެކަން ވެރިންނަށް ނޭގޭނަމަ ނަތީޖާވެސް ގޯސްވާނެކަމަށެވެ. އަދި ކުރިއަށް އޮތް ވޯޓުތަކުގައި މަސްވެރިންނާއި ހަމަޔަށް ވޯޓު ހޯދުމަށް އައުމާއިމެދު އެބޭފުޅުން ވިސްނަންޖެހޭނެކަމަށް މަސްވެރިޔާ ވަނީ ބުނެފައެވެ.
މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި، މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހުމާއި، އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން، ބޮޑު ޚަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިސަރުކާރުން ވެރިކަމަށް އައުމަށް ވަފައިވާ ވައުދުތަކުގެ ތެރޭގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ