ވ. އާރަށް ކުށްޔަށް ދޫކުރި މުޢާމަލާތާއި ގުޅިގެން އޭރުގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަސް ނަގައިފިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
މިމައްލައިގެ ޝަރީއަތުގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިއަދު 11:30ގައި ހެކިބަސް ނަގުމަށްޓަކައި ފެށުނު އަޑުހެން ނިންމާލީ ހަވީރު 16:00 ހާއިރުގައެވެ. މިއަދުގެ އަޑުއެހުމަށް ތާވަލް ކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ފުލުހުންގެ ފޮރެންސިކް އެގްޒެމިނާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނެގުމެވެ. އޭނާއަކީ މިމައްސަލާގައި ހިމެނޭ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔަރު ކުރި ފުލުސް އޮފިސަރެވެ.
ދައުލަތުގެ ފަރާތުންނާއި، ދައުވާ ރައްދުވާ ފަރާތުންވެސް ގިނަ ސުވާލުތަކެއް އަމާޒުވި މިއަދުގެ އަޑުހުމުގައި އޮފިސަރުގެ ތައުލީމީ ފެންވަރާއި، މިފަދަ ރިޕޯޓެއް ތައްޔާރުކުރުމުގެ ގާބިލްކަމާއި ގުޅޭގޮތުންވެސް ވަނީ ސުވާލުކޮށްފައެވެ. ފޮރެންސިކް މި ރިޕޯޓުގައި ވަނީ ޒިޔަތުގެ ވައިބާ ނަންބަރުން އެހެން ތިން މީހަކާ ކޮށްފައިވާ މުއާމަލާތްތައް ހިމަނާފައެވެ.
ދެފަރާތުންވެސް ގިނަ ސުވާލުތަކެއް ހެކިވެރިޔާއަށް އަމާޒުވި މިއަޑުއެހުމުގައި، މިރިޕޯޓުގެ ސައްޚަ ކަމާއި އަދި ރިޕޯޓާއި ގުޅޭ އިލްމީ ގިނަ ސުވާލުތަކެއް ދެފަރާތުންވެސް ވަނީ ހެކިވެރިޔާއަށް އަމާޒުކޮށްފައެވެ.
މި މައްސަލާގައި ދައުލަތުގެ ފަރާތުން ވަނީ 13 ހެއްކަކު ހުށައަޅާފައެވެ. ދިފާއުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅުއްވީ 7 ހެކިންނެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށައަޅާފައިވަނީ އެމަނިކުފާނާއި ޔޫސުފް ނައީމާ ދެމެދު ހިނގާދިޔަކަމަށް ބުނާ މުއާމަލާތާއި ގުޅޭ ލިޔެކިޔުންތަކާއި އޭސީސީގެ ބަޔާނަކާއި ކްރިމިނަލްކޯޓުގެ ދެ ހުކުމަކާއި ހައިކޯޓްގެ ދެ ހުކުމަކާއި ރައީސް އޮފީހުގެ ލިޔުންތަކެކެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލާގައި ހުށައަޅާފައިވާ ހެކިންގެ ހެކިބަސްތައް މިމަހު ނަގާ ނިންމުމަށް ތާވަލުކުރައްވާނެކަމަށެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަން ގަސްތުކުރައްވާކަމަށް ގާޒީ ވިދާޅުވިއެވެ.
ހެއްކާއި ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާ މައްސަލައިގެ ހުލާސާ ބަޔާން އަންނަ އޮގަސްޓްމަހު ހުށައަޅަން ތާވަލުކުރަން ގާޒީ ވަނީ ނިންވާފައެވެ. އަދި އޭގެ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ. މި މައްސަލައިގައި އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ 09:30 ގައިކަމަށް މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވިއެވެ.
One Response
ހެކިބަސް ނެގީމަ ކިހިނަކޯ މިވީ، ހަމަ އަތަށް ގޮވީދޯ، ޖެހުނު ތާގަވެސް ނުޖެހުން ދޯ، ހެ ހޭ