ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ވ.އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަރުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި މިއަދަށް ތާވަލުކޮށްފައިވަނީ ހެކި ބަސް ނެގުމެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 11:00 އަށެވެ.
މި މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަސް ނަގަން ފަށާފައިވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައެވެ.އެގޮތުން އެ ދުވަހު ހެކިބަސް ދީފައިވަނީ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި އެލަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޝިފާޒެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.
ޝަރީއަތުން ގަސްތު ކުރަނީ ޖޫން މަހުގެ ތެރޭގައި ހެކިބަސްތައް ނެގުމަށެވެ. ހެކި ބަސް ނެގުމުގެ މަރުހަލާ ނިމިގެން ހެއްކާ ގުޅޭ ގޮތުން ވަކި އަޑުއެހުމެއް ބާއްވަން ވެސް ޝަރީއަތުން ނިންމި އެވެ. ޝަރީއަތުން ފުރަތަމަ ބޭނުންވީ ޖުލައި މަހު އެ އަޑުއެހުން ބޭއްވުމަށެވެ. އެކަމަކު ޖުލައި މަހު މި މައްސަލާގައި ހިމެނޭ ދައުލަތުގެ ވަކީލުން އަހަރީ ޗުއްޓީއަށް ދާތީ, އޮގަސްޓް މަހު ބާއްވަން ނިންމިއެވެ.
މީގެ އިތުރަށް ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ވެސް އޮގަސްޓް މަހު ތެރޭގައި ބާއްވަން ނިންމިއެވެ. ހުލާސާ ބަޔާނަކީ މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިއަށް، މައްސަލާގައި ހިމެނޭ ހުރިހާ ފަރާތަކަށް ހުލާސާ ގޮތެއްގައި ފާހަގަކުރެވުނު ކަންތައްތައް ބަޔާން ކުރަން ދޭ ފުރުސަތެކެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް ވ.އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސްޔަތުން، ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ މިފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމަވި ހިސާބުން ފެށިގެން މިއީ ކުށުގެ ޢަމަލެއްކަމަށް ވާކަމުގައެވެ. އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ