ޝާހިދާ 17 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ޝާހިދާ 17 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2022 06:26
0

އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަ ށ.ފުނަދޫ ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

އާމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައިވަނީ އެމައްސަލައިގައި ހުށައަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ބަލައި އެނގިހުރެ މީހަކު މެރުމުގެ ކުށް އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. މި މައްސަލާގައި ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި އެކުއްޖާ މަރާލިއިރުވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުއްޓެވެ. ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓަކަށް ދައްކާ ފަރުވާ ކުރަމުން ގެންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ނަމަވެސް މިކަމާއި ގުޅިގެން ހެދި ޓެސްޓުތަކާއި، ހެކިންގެ ހިކިބަހުން އޭނާ މިއަމަލު ހިންގަފައިވަނީ އެފަދަ ހާލަތެއް މެދުވެރިވެގެން ނޫންކަން ސާފުކޮށް އެގެން އޮތްކަމަށެވެ. މިމައްސަލާގައި ކޯޓުންވަނީ 17 އަހަރާއި، 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިހުކުމް އިއްވިއިރު ޝާހިދާ ޖަލުގައި ހޭދަކޮށްފައިވާ މުއްދަތުން އުނިކުރި ދުވަސްތަކާއިއެކު ހުކުމުގައި ބާކީ އޮތީ 11 އަހަރާއި ދެމަހެވެ. މިމައްސަލާގައި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިޔަން ރުފިޔާ އެއް އަހަރުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފައެެވެ.

މީގެ ހަ އަހަރު ކުރިން އެ ކުޑަކުއްޖާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެން ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ. އަދި އެ ކުއްޖާގެ ގަޔަށް ހެރި ވަޅި ވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑަކުން ފެނުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.