މެންޗެސްޓާ ޔުނައިޓެޑުން އޭނާ ދޫކޮށްލަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ހާމަކޮށްދޭން ބޭނުންވާ ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޯގްބާ ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮގްބާ ކުލަބުގައި ބެހެއްޓުމަށް ޔުނައިޓެޑުން ވަނީ ހަފުތާއަކު ތިން ލައްކަ ޕައުންޑްގެ މުސާރައެއް ދޭނެ ކަން ހާމަކޮށްފައެވެ. ނަމަވެސް ވަރަށް ފަހުން އެމޭޒަން ޕްރައިމްއިން ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓަރީގައި ޕޮގްބާ ހާމަކުރިގޮތުގައި އެއީ ޔުނައިޓެޑުން ދެއްކި ދަޅައެކެވެ.
އެ ޑޮކިއުމެންޓަރީ އާންމުކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެ ޑޮކިއމެންޓާރީގައި ޕޮގްބާގެ މުސްތަގްބަލާ ބެހެގޮތުން ވަރަށް ފަހުން މަރުވި ކުރީގެ އެޖެންޓް މީނޯ ރައިއޯލާ އެކު މަޝްވަރާކުރާތަން ފެނިގެންދެއެވެ. އަދި އެ ޑޮކިއުމެންޓްރީގެ ތެރެއިން ނޫސްވެރިންނަށް އާންމުކޮށްފައިވާ ބައިގެ ތެރޭގައި ޕޮގްބާ ވަނީ އޭނާއަށް އައު އެއްބަސްވުމެއް ދިނުމަށް ކްލަބުން މަޑުކުރި ކުރުމަކީ ޔުނައިޓެޑަށް ހެދުނު ގޯހެއްކަން ހާމަކޮށްދޭން ބޭނުންވާ ކަމަށް ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮގްބާ މިހާރު ވަނީ އޭނާ ކުރިން ކުޅުނު ޔުވެންޓަސްއަށް އަލުން ބަދަލުވުމަށް ތައްޔާރުވަމުންނެވެ. މިއީ ޕޮގްބާ ޔުނައިޓެޑް ދޫކޮށްދާ ދެވަނަ ފަހަރަށް ވެގެންދާނެއެވެ. އޭނާ އެންމެ ފުރަތަމަ ޔުނައިޓެޑާއި ގުޅިފައިވަނީ އުމުރުން 16 އަހަރުގައި 2009 ވަނަ އަަހަރުއެވެ. އަދި 2012 ގައި އޭނާ ހިލޭ ޓްރާންސްފަރއެއްގެ ދަށުން ޔުވެންޓަސްއާ ގުޅުމުގެ ފުރުސަތު ޔުނައިޓެޑުން އެ ފަހަރުވެސް ވަނީ ދީފައެވެ. ނަމަވެސް 2016 ވަނަ އަހަރު ޔުނައިޓެޑުން ވަނީ އޭރުގެ ދުނިޔޭގެ ރިކޯޑް ފީއެއް ކަމަށްވާ 89 މިލިއަން ޕައުންޑަށް ޕޮގްބާ އެކްލަބަށް ގެންގޮސްފައެވެ.