ޑަބްލިއުއެސްއޭ އިން ބޭއްވި ބީޗް ގޭމްސްގެ ތެރެއިން ތެރެއިން - ފޮޓޯ: ޑަބްލިއުއެސްއޭ

ކުޅުދުއްފުށީ ޑަބްލިއުއެސްއޭ ހޭންޑް ބޯލް މުބާރާތް އަންނަ މަހު 1އަށް ފަސްކޮށްފި

ކުޅުދުއްފުށީ ޑަބްލިއުއެސްއޭ ހޭންޑް ބޯލް މުބާރާތް އަންނަ މަހު 1އަށް ފަސްކޮށްފި

ކުޅުދުއްފުށި ސިޓީގައި ބާއްވާ ޑަބްލިއުއެސްއޭ ހޭންޑް ބޯލް މުބާރާތް، ޕްރެކްޓިސްއަށް ވަގުތު ދިނުމަށް ފަސްކޮށްފިއެވެ.

ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓްސް އެކަޑެމީން "ޑަބްލިއުއެސްއޭ ހޭންޑް ބޯލް ބެޓަލް 2020″ގެ ނަމުގައި ބާއްވާ މި މުބާރާތް މިހާރު ތާވަލް ކޮށްފައި ވަނީ ޑިސެމްބަރު 1 ވަނަ ދުވަހަށެވެ. ކުރިން މި މުބާރާތް ފަށަން ތާވަލް ކޮށްފައި އޮތީ މި މަހު 25 ވަނަ ދުވަހަށެވެ.

މުބާރާތް ފަސްކުރި ސަބަބާ ގުޅޭގޮތުން ޑަބްލިއުއެސްއޭގެ އޮފިޝަލަކު ވިދާޅުވީ މުބާރާތް ފަސްކުރި މައިގަނޑު ސަބަބަކީ ޓީމްތަކަށް ޕްރެކްޓިސް ކުރުމަށް ވަގުތު ދިނުން ކަމަށެވެ.

"ވަރަށް ފަހުން ބީޗް ހޭންޑް ބޯލް މުބާރާތެއް މުޅި ރަށަށް އަމާޒުކޮށްގެން މި ބޭއްވީ. ބީޗް ހޭންޑް ބޯލް އާއި މިހާރު މި ބާއްވަން އުޅޭ ޓީމް ހޭންޑް ބޯލް އަކީ ވަރަށް ތަފާތު ދެ ކުޅިވަރަށް ޓެކްޓިކަލީ ވެސް ގޭމް ޕްލޭވެސް. އެހެންވެ ޕްރެކްޓިސް އަށް ވަގުތު ދިނުން މައިގަނޑު ސަބަބަކީ"
– ޑަބްލިއުއެސްއޭގެ އޮފިޝަލް

ޑަބްލިއުއެސްއޭ އިން ބޭއްވި ބީޗް ހޭންޑް ބޯލް މުބާރާތެއްގެ ތެރެއިން – ފޮޓޯ: ޑަބްލިއުއެސްއޭ

މި ބަދަލާއެކު މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ މަހު 20ވަނަ ދުވަހުގެ 22:00 އެވެ. އަދި ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑި އަކީ މިމަހު 25ވަނަ ދުވަހުގެ 22:00 އެވެ. މުބާރާތުގައި ރާއްޖޭގެ ކޮންމެ ރަށަކުންވެސް އަންހެން އަދި ފިރިހެން ޓީމެއް ބައިވެރި ކުރެވިދާނެއެވެ.

މި މުބާރާތުގައި 6 ޓީމަށްވުރެ އިތުރަށް ބައިވެރި ވެއްޖެ ނަމަ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އުސޫލުން ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. އަދި 6 ޓީމަށްވުރެ މަދުން ބައިވެރި ވެއްޖެނަމަ މުބާރާތް ކުރިއަށް ގެންދާނި ލީގު އުސޫލުން ނެވެ.

ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމާ ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ޑަބްލިއުއެސްއޭ އިން ބާއްވާ ޓީމް ހޭންޑް ބޯލް ފުރަތަމަ މުބާރާތެވެ. މީގެ ކުރިން މުޅިންވެސް ބާއްވާފައި ވަނީ ބީޗް ހޭންޑްބޯލް މުބާރާތްތަކެވެ.

ޑަބްލިއުއެސްއޭ އިން ބޭއްވި ބީޗް ގޭމްސްގެ ތެރެއިން ތެރެއިން – ފޮޓޯ: ޑަބްލިއުއެސްއޭ

ޑަބްލިއު ސްޕޯޓްސް އެކަޑެމީ އަކީ ކުޅުދުއްފުށި ސިޓީގައި ގިނަ ކުޅިވަރު މުބާރާތަކެއް އިންތިޒާމު ކުރަމުން ގެންދާ އެކަޑަމީއެކެވެ. އެގޮތުން ބެޑްމިންޓަން، ވޮލީ، ބާސްކެޓް ބޯލް އަދި ނެޓް ބޯލް މުބާރާތްތައްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެ އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބޭއްވި ބީޗް ގޭމްސް އަކީ ފާހަގަ ކޮށްލެވޭ ހަރަކާތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *