ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރާއި މިރޭ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުންު އޮތީ ހުޅުމާލޭގައި ހުންނަ އިންޑިއާ ސަފީރު ދިރިއުޅުއްވާ ފްލެޓުގައެވެ. ރައީސް ނަޝީދު އިންޑިއާގެ ސަފީރާއި ބައްދަލު ކުރައްވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ނަޝީދުގެ ދެމެގައިވަނީ ސިޔާސީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައެވެ.
މިރޭ ހުޅުމާލެެއަށް ވަޑައިގެން ރައީސް ނަޝީދު އިންޑިއާގެ ސަފީރާއި ބައްދަލު ކުރެއްވިއިރު، މިރޭ ހުޅުމާލޭގައި ސަރުކާރުން ބޭއްވި އިވެންޓުގައި ރައީސް ނަޝީދަށް ދައުވަތު ދީފައިނުވެއެވެ. އަދި މިރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެފައިވެސް ނުވެއެވެ. އާންމުކޮށް ސަރުކާރުން ބާއްވާ މިފަދަ ހަފްލާތުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާތަން ފެނެއެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ދެމެދުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމާއިމެދުއެވެ. ރައީސް ނަޝީދު އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނިކޮށް ރައީސް ޞާލިހުވަނީ، އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ނިކުންނަން ހުރި އެންމެ ރަނގަޅު ޗޮއިސްއަކީ އެމަނިކުފާނު ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވަނީ އެމްޑީޕީގެ ކެނޑިޑޭޓެއް ސާފުވަނީ ޕްރައިމަރީއަކުން ކަމަށެވެ.
ރައީސް ނަޝީދު އިންޑިއާގެ ސަފީރާއި މިރޭ ބައްދަލު ކުރައްވާއިރު، މިކަމާއި ގުޅޭ މަޝްވަރާތަކެއް ކުރައްވާނެކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. އިންޑިއާއަކީ މިސަރުކާރާއި އެންމެ ގާތްގުޅުން އޮންނަ ގައުމެވެ.
ކޮމެންޓު ފޮނުވާ