އުވާލަން ނޯޓިސްދިން ޕާޓީތަކުން ފޯމު ތަކުގެ އަދަދު ހަމަކޮށްފި

އުވާލަން ނޯޓިސްދިން ޕާޓީތަކުން ފޯމު ތަކުގެ އަދަދު ހަމަކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ޖޫން 2022 04:48
0

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ޕާޓީތަކަށް އިލެކްޝަނުން ނޯޓިސްދިން މުއްދަތުގައި އެއަދަދަށް މެމްބަރުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެމްބަރުންގެ އެޕާޓީއެއްގައި ތިބެގެންނެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން 3000 މެންބަރުންގެ ސޮއެއާއިއެކުގައި ރެޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމާއި ގުޅިގެން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު 3000 އަށް ވުރެ ދަށް ވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ. ކޮމިޝަނުން ވަނީ މިމަހުގެ 14ގެ ކުރިން 3000 މީހުން ހަަމަކުރުމަށް އެޕާޓީތަކަށް ނޯޓިސް ފޮނުވާފައެވެ.

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއްޕާޓީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

މިޕާޓީތަކަށް ދިން މުއްދަތު ރޭގެ ނިޔަލަށް ހަމަވިއިރު 3،000 މެމްބަރުން ހަމަވެގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހަމަނާފައިވަނީ އެމްއާރުއެމް އެކަންޏެވެ. ނޯޓިސް ދިން އެހެން ޕާޓީތަކުންވެސް 3،000 މެމްބަރުން ހަމަވާ އަދަދަށް ވަނީ ފޯމުތައް ހުށަހަޅާފައެވެ. ނަމަވެސް މިފޯމުތަކުގެ ސައްޚަކަން ކަށަވަރު ކުރުމަށްފަހު އަންނަ ހަފްތާގައި ފޯމުތަކާއި ގުޅޭގޮތުން އާންމުންނަށް ޝަކުވާއަށް ހުޅުވާލާނެއެވެ. އެއަށްފަހު ޤާނޫނީ އަދަދަށް ހަމަނުވާ ޕާޓީތައް އުވާލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މެމްބަރުންގެ އަދަދު ހަމަކުރުމަށް ދިން މުއްދަތުގެ ތެރޭގައި ޑީއާރުޕީން ވަނީ 788 ފޯމު ހުށަހަޅާފައެވެ. އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 2269 މެމްބަރުންނެވެ. ނަމަވެސް ހުށަހެޅި ފޯމުތަކަކީ ޞައްޚަ ފޯމުތަކަށްވާނަމަ ޑީއާރުޕީގެ މެމްބަރުންގެ އަދަދު 3057އަށް އަރައެވެ. މިމުއްދަތުގައި އެމްޓީޑީން ވަނީ 962 ފޯމު ހުށަހަޅާފައެވެ. އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 2457 މެމްބަރުންނެވެ. ނަމަވެސް ހުށަހެޅި ފޯމުތަކަކީ ޞައްޚަ ފޯމުތަކަށްވާނަމަ އެމްޓީޑީގެ މެމްބަރުންގެ އަދަދު 3419 އަށް އަރައެވެ.

މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތަކުގެ ތެރެއިން ލޭބާ ޕާޓީން ވަނީ 376 ފޯމު ހުށަހަޅާފައެވެ. އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 2691 މެމްބަރުންނެވެ. ނަމަވެސް ހުށަހެޅި ފޯމުތަކަކީ ޞައްޚަ ފޯމުތަކަށްވާނަމަ ލޭބާ ޕާޓީގެ މެމްބަރުންގެ އަދަދު 3067 އަށް އަރައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބި ކަމުގައިވާނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.