ޑްރަގްސް ހުރި ކަމަށް ޝައްކުކުރެވިގެން މިދިޔަ ބުރާފަސްތި ދުވަހު ބަލައި ފާސްކުރި ކޮންޓެއިނަރުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15 ކިލޯ ފެނުނު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފިއެވެ.
ކަސްޓަމަސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ މިދިޔަ މަހު 29 ގައި އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނައި ކޮންޓެއިނަރެއް ކަމަށެވެ. ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް އޭގައި ހުރިކަމަށް ޝައްކުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލައިގަނެފައި ވާކަމަށެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި މިތަކެތި ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ