މި ފަަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އުޒްބެކިސްތާން ގޯލްކީޕަރަކާއި ޖަޕާނުގެ މިޑްފީލްޑަރެއްގެ އިތުރުން ސްޕެއިނުގެ ފޯވާޑެއް ގެނެސްފި އެވެ. މީގެ ކުރިން ވެސް ސަސް އިންވަނީ ޖަޕާނު މިޑްފީލްޑަރެއްގެ ސޮއި ހޯދާފައެވެ.
އެ ޓީމަށް ސޮއިކުރީ އުޒްބެކިސްތާން ލީގުގެ ޓީމުތަކަށް ކުޅެފައިވާ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފާއި، ލާއޯސް އާއި އާރްމީނިއާ އާއި އިންޑިއާގެ އައި ލީގާއި ޖަޕާނާއި މެލޭޝިއާ ލީގާއި އިންޑޮނޭޝިއާ ސުޕަ ލީގު އަދި ބަންގްލަދޭޝް ޕްރިމިއާ ލިގުގައި ކުޅެފައިވާ ޖަޕާނުގެ، ވިންގް އަޓްސުޝީ ޔޮނެޒޭވާ އަދި ސްޕެއިން އެކި ޓީމުތަކަށް ކުޅެފައިވާ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒް އެވެ.
ސްޕެއިނުގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކުޅެފައިވާ އުމުރުން 28 އަހަރުގެ ވިކްޓޯ ވަނީ އޮސްޓްރިއާގެ ކްލަބަކަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. އޭނާ ވަނީ ސްޕެއިނުގެ ކޮޕަ ޑެލް ރޭ ކަޕްގައި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކާ ދެކޮޅަށް ދެ މެޗެއް ކުޅެފަ އެވެ.
ސަސް އިން ގެނައި ޖަޕާނުގެ ޔޮނެޒޭވާ ވަނީ އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޖެފް ޔުނައިޓެޑާއި އިންޑިއާގެ އައި ލީގުގެ ރޯޔަލް ވެހިންޑޯ އާއި އައިޒޯލް އަދި މިނެރްވާ އަށް ކުޅެފަ އެވެ. އިންޑޮނޭޝިއާގެ ޕާސިބާ ބަންޓުލް އާއި މިޔަންމާގެ ޒިއުކަޕިން ޔުނައިޓެޑްގެ އިތުރުން ބަންގްލަދޭޝްގެ ރަހުމަތުގަންޖަށް ކުޅުނު ޔޮނެޒޭވާ އެންމެ ފަހުން ގުޅުނީ މެލޭޝިއާގެ ޕީޑީއާރްއެމްއަށެވެ. ރާއްޖޭގެ ޖޭޖޭ އަށް ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީގެ ސޮއި ވެސް ސަސް އިން ވަނީ ހޯދާފައެވެ.
ސަސްއާ ގުޅުނު އުމުރުން 26 އަހަރުގެ ގޯލްކީޕަރު މިރްޒޮހިދު ވަނީ އުޒްބެކިސްތާން ޔޫތު ލީގާއި އުޒްބެކިސްތާން ދެ ވަނަ ޑިވިޝަނާއި އުޒްބެކިސްތާން 23 އަހަރުން ދަށުގެ ލީގާއި އެ ގައުމުގެ ސުޕަ ލީގުގެ ޓީމުތަކަށް ކުޅެފަ އެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވަނީ ސަސްއާ ގުޅިފަ އެވެ.
އަންނަ މަހު 13ވަނަ ދުވަހު ފަށާ ލީގުގައި ސަސްގެ ފުރަތަމަ މެޗުގައި ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.