ހައިކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި ފަސް މެންބަރަކަށް މިއަދު ފިޔަވަޅު އަޅައިފިއެވެ.
ފަނޑިޔާރު ހަމީދު ވަކި ކުރަން ތްރީ ލައިން ވިޕެއް ނެރެފައި ވަނީ ޖޫން އެއް ވަނަ ދުވަހު އޮތް ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައެވެ. ފަނޑިޔާރު ހަމީދު ވަކި ކުރަން 29 މެންބަރަކު ވޯޓު ދެއްވާފައި ވެއެވެ. އެ ވިޕް ލައިނާއި ހިލާފަށް ވޯޓު ދެއްވީ ފަސް މެންބަރެކެވެ. އެ މެންބަރުންނަށް ވަނީ ގަވާއިދުގައިވާ ފުރަތަމަ ފިޔަވަޅު އަޅާފައެވެ. އެއީ ނަސޭހަތް ދިނުމެވެ.
އެ މެންބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އާއި ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި، ތިނަދޫ ދެކުނު ސަނީފްގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕް ގަވައިދުގައިވާ ގޮތުން ވިޕްލައިނާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ފިޔަަވަޅު އަޅަންޖެހިއްޖެނަމަ ނަސޭހަތްދިނުމާއެކު މާފަށް އެދެން އެންގިދާނެއެވެ. އަދި ތިންވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ދޭ އިނާޔަތްތަކާއި ޕާޓީއަށް ލިބޭ ދަތުރުތަކުގައި ނުދެވޭ ގޮތް ހެދިދާނެއެވެ. ހަތަރުވަނަ ފަހަރު ފިޔަވަޅު އަޅާއިރު ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެ މަގާމުން ވަކިކޮށް ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރުން އެއް އަހަރަށް ސަސްޕެންޑް ކުރެވިދާނެއެވެ. އަދި ފަސް ވަނަ ފަހަރު ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ވަކިކުރެވިދާނެ ކަމަށްވެސް ގަވައިދުގައިވެއެވެ.
ވިޕްލައިނާއި ދެކޮޅުވި މެންބަރުންތަަކަކަށް ޕާޓީން ފިޔަވަޅު އަޅާފައިވާއިރު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕް ލައިނަށް އަމަލު ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައިސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުން ވަނީ ނިންމާފައެވެ. ރައީސް ނަޝީދު ހިމެނޭހެން އެ ފެކްޝަންގެ 19 މެންބަރަކު އެކަމާއި ދެކޮޅަށް ވަނީ ތެދުވެފައެވެ.
މިމެންބަރުގެ ތެރެއިން ބައެއް މެމްބަރުން ވަނީ ވަރަށް ފާޅުކަން ބޮޑުކޮށް، ޕީޖީގެ ވޯޓުގައި ތްރީލައިން ވިޕާއި ޚިލާފްވާނެކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ