ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަޤާމުން ވަކި ކުރުމަށްޓަކައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައި، ޕީޖީ ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދާ ވޯޓުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ތްރީލައިން ވިޕަށް އަމަލު ކުރެވެނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފައެވެ. އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާ ޕީޖީން އެ ގޮތަށް ފާސްވީ މިއަދު މެންދުރު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެގޮތަށް ފާސްވީ ހާޒިރުވި މެމްބަރުންގެ ތާއީދުންނެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގެ ވަޓްސް އަޕް ގްރޫޕުގައި ނަޝީދު ވަނީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ތިއްބަވާކަން ފާހަގަކުރައްވާފައެވެ. އޭގެ ފަހަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމުމާ ދެކޮޅު މެންބަރުން ނަން ނޯޓްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
އަދި ވިދާޅުވީ އާންމު މެންބަރުންނަށް އެ ބޭފުޅުން އެގޮތަށް ވޯޓް ދެއްވާ ސަބަބު ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. ނަޝީދު ވަނީ އެގޮތަށް އަމަލު ކުރެއްވުމުން ޕާޓީން ވަކިނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މެންބަރަކު ޕާޓީން ވަކިކުރަން ނިންމަނީ އެކަމާއި ގުޅޭ ކޮމެޓީން ނަމަވެސް ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީ ވަކި ނުކުރާނެ ކަމަށެވެ.
ތްރީލައިން ވިޕާ ހިލާފުވެގެން އެމްޑީޕީންވެސް މެންބަރުން ވަކިކޮށްފައިވެއެވެ. އިދިކޮޅު ޕާޓީތަކުންވެސް އެެފަދަ ނިންމުން ނިންމާފައިވެއެވެ. ޕާޓީ ނިޒާމު ރަނގަޅަށް ހިންގާ ގައުމުތަކުގައި ތްރީލައިން ވިޕާާ ދެކޮޅަށް ވޯޓް ދޭ މެންބަރުންގެ މައްސަލަތައް ބަލާ ހަރުކަށި ފިޔަވަޅު އަޅައެވެ. އަދި އެ މެންބަރުން ޕާޓީން ވަކިކުރެއެވެ.
މަޖިލީހުގެ 74 މެމްބަރުންގެ އިއްތިފާގުން ޕީޖީ ކަމަށް ރުހުން ދެއްވި، ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ސަބަބާ ގުޅޭ ގޮތުން އެކަމުގައި އުޅުއްވާ ބައެއް މެމްބަރުން ވިދާޅުވަނީ ޕީޖީގެ ޒިންމާ ފުރިހަމައަށް އަދާނުކުރެއްވޭ ކަމަށެވެ. ސީރިއަސް އަދި ބޮޑެތި ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި ނުބައިކޮށް މުއްދަތު ގުނުން ފަދަ ކަންކަން އޭގެތެރޭގައި ހިމެނޭ ކަަމަށް ވިދާޅުވިއެވެ.
މެމްބަރުންތަކެއް ނަންގަވައިގެން އުޅޭ މި މައްސަލަތަކުގައި ޕީޖީ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަކު ޕީޖީ ޝަމީމް ކުރިން ވިދާޅުވެފައި ވަނީ، ކޯޓަށް މައްސަލަތައް ހުށަހެޅުމުގައި ޕީޖީ އޮފީހުން އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސް މުއްދަތުތައް ވެސް މިހާރު އަވަސްކޮށްފައިވާނެ ކަމަށެވެ.