ކްރިމިނަލް ކޯޓްގައި މިހާރު ކުރިއަށްދާ ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކަތައް ޖޭއެސްސީ އިން ދޮގުކޮށްފިއެވެ.
މީޑިއާއެއްގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރު ޖޭއެސްސީ ގެންގޮސް ހިސާން އާއި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ރިފްއަތާ ބައްދަލު ކުރައްވާފައިވާކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން އެކަން ދޮގުކޮށް ޖޭއެސްސީން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓްގައި މިހާރު ކުރިއަށްދާ ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައްދަލު ކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ކޮށްފައިވާ ޓްވީޓް ދޮގުކުރާ ކަމަށެވެ.
އަދި ޖޭއެސްސީގެ އަގު ވައްޓާލަން އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާ ފެތުރުން ކުށްވެރިކުރާ ކަމަށެވެ. އިތުރަށް ބުނީ އެކަން ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށައަޅާނެ ކަމަށެވެ. އެ ޓްވީޓްގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ ޓްވިޓާ އެކައުންޓާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށް ވަކި ފަރާތަކަށް ހޯދައި ދިނުމަށް ރައީސް ޔާމީން ރިޝްވަތު ގަބޫލުކޮށް އަދި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާ ކުރި ކަމަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައި ވެއެވެ. އެ މައްސަލަ މިހާރު ކުރިއަށް ދަނީ ލައިވްކޮށެވެ.
One Response
ކާކު އެވަރުގެ ކަމެއްކޮށްފަ އެއްބަސްވާނީ، އަނެއްކާ އެދެމީހުން ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށްގެން އެކަން ކުރާނެ ކަން ކުޑަކުއްޖަކުވެސް ޤަބޫލުކުރާނެ، ފަނޑިޔާރުގެ އިޞްލާޙުކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް ބިރުދައްކައި މަޤާމުން ވަކިކުރަމުން ދާއިރު އެއީ ރޯމާދުވާލު އެންމެންގެ ކުރިމަތީގައި ހިންގާ ޖަރީމާ، ވެރިކަމަށް އައި އިރު ގެނައި ލިސްޓް ސާފުކުރަނީކަން އެންމެންނަށްވެސް އެނގޭ، ޔާމީނު ޖަލަށްލުމަކީވެސް ރިޔާސީ ވައުދަކަށް ހަދައިގެން އައިކަމެއް. އެކަން ކުރަން ޖަހާހާ ސަކަރާތް ތިފެންނަނީ.