ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއަށް މަޖިލީހުން ވަދެ، ބަރުލަމާނީ ނިޒާމުގެ ސިފަތައް ޖައްސަން މަސައްކަތް ކުރާ ކަމަށާއި އެކަން ކުރާކަށް ފުރުސަތު ނުދެއްވާނެކަމަށް ޓެކްނޮލޮޖީ، މިނިސްޓަރ މަލީހު ވިދާޅުވެ ދެއްވި ރައްދާއިއެކު ވަޒީރު ހޫނު ފެނަށް ވެއްޓިޖެއެވެ.
މިނިސްޓަރ މަލީހު ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއަށް މަޖިލީހުން ވަދެ ވަރަށްބޮޑަށް ނުފޫޒު ފޯރުވާތަން މިއަދު ފެންނަމުންދާކަމަށެވެ. ނަމަވެސް މަޖިލީހަށް ޤާނޫނީ ގޮތުން ވަކި މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ވަކި ބާރަކަށްވާއިރު، ސަރުކާރު ހިންގުމުގެ ތެރެއަށް ވަނުމަށް މަަސައްކަތް ކުރަމުންދާތަން ފެންނަކަމަށެވެ. ނަމަވެސް އެފުރުސަތު ސަރުކާރުން މަޖިލީހަށް ނުދެއްވާނެކަމަށް މަލީހު ވިދާޅުވިއެވެ.
މިނިސްޓަރ މަލީހަކީ މިސަރުކާރަށް ކެނޑިނޭޅި އެންމެ ގިނައިން ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންދާ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ދެބެއިންގެ ދެދަރި ބޭފުޅެކެވެ. ފަހަކަށް އައިސް މަލީހު ދަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މިފަހަރު މަލީހު ދެއްކެވި ވާހަކާއި ގުޅިގެން މަލީހު ހޫނު ފެނަށް ވެއްޓިފައިވަނީ ބަރުލަމާނީ ނިޒާމާއި ގުޅުވައި ވާހަކަ ދެއްކެވުމުންކަމަށް ގިނަބަޔަކު ދެކެއެވެ.
ބަރުލަމާނީ ނިޒާމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންމެ ބޮޑަށް ރާއްޖޭގައި އޮތުމަށް ވަކާލާތު ކުރައްވާ ނިޒާމެވެ. އަދި މިހާރުވެސް އެނިޒާމު ގެނައުމަށް ކުރައްވަންޖެހޭ މަސައްކަތް މަޖިލިސް ތެރެއިން ކުރައްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މަލީހުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ހެންވޭރު ދެކުނު ދާއިރާ ހުސެއިން ޝަހީމް ވިދާޅުވީ ފަހަކަށް އައިސް މަލީހަށް މަޖިލީހުން ނެއްޓެން ނޭގިގެން އުޅުއްވަނީ ކޮންކަމާއި ހެދި ކަމެއް ނޭކަމަށެވެ. އަދި މަލީހަކީ ސިޔާސީ ގޮތުން އެއްވެސް ބާރެއްނެތް މީހެއްކަމަށް ދޭހަވާ މޭރުމަކުން މިސާލު ނަންގަވައި، މިއީ މަލީހުގެ އެންމެ ފަހު ދުވަސްކޮޅު ކަމުގައިވެސް ޝަހީމް ވަނީ ވިދާޅުވެގައެވެ.
މަނިކުފާނު އުޑަފައިން އިންނެވީމާ ބިމުގައި ނުޖެހޭ. މަނިކުފާނަކީ ވަރަށް ކުޑަބޭފުޅެއް. ހުދު މަނިކުފާނަަކަށް މިނިސްޓަރ އަކަށް ރުހުން ދިނުމާއި އިތުބާރު ނެތްކަން ނިންމާ ރައްޔިތުންގެ މަޖިލީހުން ނެއްޓިވަޑައިގަންނަވަން ދަތިފުޅުވެ މިހާރު މިހާރު ހޮޑުފުޅަށް ތައްޔާރުވެ އޯކާދެމޭ އަޑުފުޅު މި އިވެނީ.
– ހުސެއިން ޝަހީމް ވިދާޅުވިއެވެ.
އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެފައިވަނީ މިއީ ސައިންސް އެންޑް ޓެކްނޮލޮޖީގެ އަލީގައި މަހާނަ މައްޗަށް މަޑިއަށް ޖެހުންކަމަށެވެ. ވަހީދުގެ މި ޓްވީޓް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރީޓުވީޓް ކުރައްވާފައެވެ. މަލީހުގެ މިރައްދާއިއެކު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ ވަރަށްބޮޑު ފާޑުކިޔުންތަކެއް ވަނީ މަލީހުއަށް އަމާޒު ވެފައެވެ.
މަލީހު މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު މަޖިލީހުން ސަރުކާރުގެ ހިންގުމުގެ ތެރެއަށް ވަންނަމުންދާކަމަށް ރާއްޖެ ޓީވީގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވެފައިވަނީ، މަޖިލީހުން ސަރުކާރު ހިންގުމަށް ދަތިވާގޮތަށް މަސައްކަތް ނުކުރިނަމަވެސް މިހާރަށްވުރެ ޒިންމާދާރު މަސައްކަތްތަކެއް މަޖިލީހުން ކުރަންޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށެވެ.