ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި އިއްޔެ އދ. މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި، ގާސިމް އިބުރާހިމްއައެކު ނުރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަވައިފިއެވެ.
ރައީސް ސާލިހުއާއި ގާސިމް އިބުރާހިމްގެ ނުރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަވާފައިވަނީ ރޭގެ ވަގުތެއްގައި މާމިގިލީ ކައިރީގައި އޮންނަ ގާސިމް އިބުރާހިމްގެ ސަން އައިލެންޑް ރިސޯޓުގައެވެ. އަދި މި މަޝްވަރާތަކުގައި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނާއި، ޖުމުހޫރީ ޕާޓީގެ އިސްބައެއް އޮފިޝަލުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސް ސާލިހުން ރޭ ކުރިޔަށް ގެންދަވާފައިވާ ނުރަސްމީ މަޝްވަރާތަކާއި ގުޅޭގޮތުން ދެޕާޓީންވެސް އަދި އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކުއްލި ގޮތަކަށް ރައީސް ސާލިހު މާމިގިއްޔަށް ވަޑައިގެނު ގާސިމް އިބުރާހީމްއާއި ބައްދަލު ކުރައްވާފައި މިވަނީ، މި ހަފްތާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯލިޝަންއާއެކީ 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ރައީސް ސާލިހު ހާމަކުރައްވަފައި ވަނިކޮށެވެ.
ގާސިމް އިބްރާހިމްއަކީ ރައީސް ސާލިހުގެ ސަރުކާރުގެ ކޯލިޝަންގެ މުހިންމު ބައިވެރިއެކެވެ. އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ އެއް އަނބިކަނބަލުންނަކީ ރައީސް ސާލިހުގެ ކެބިނެޓްގެ ޓްރާންސްޕޯޓު މިނިސްޓަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.
ރައީސް ސާލިހު ނުރަސްމީކޮށް ގާސިމް އިބުރާހިމްއާއި ބައްދަލު ކުރައްވާފައިވާއިރު، މި ބައްދަލު ކުރެއްވުމުގައި ގާސިމްއަށް ރައީސް ސާލިހުގެ ރަނިންގ މޭޓްކަން ހުށަހަޅުއްވާފައިވާކަމަށް މީސް މީޑިއާގައި އަޑު ފެތުރިގެންދިޔަ ނަމަވެސް، ޖުމުހޫރީ ޕާޓީގެ އިސް ބައެއް ފަރާތްތަކުންވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.
އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު މީގެކުރިން ބައެއް މީޑިއާތަކަށް މައުލުމާތު ދެމުން ވިދާޅުވެފައިވަނީ އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށާއި އެހެންނަމަވެސް ވާދަކުރާނެ ގޮތެއް ނިންމާނީ އެޕާޓީގެ ކައުންސިލުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ