ސީދާ ތިންސެޓުން ޕޮލިސް ބަލިކޮށް ވެމްކޯއިން ތަށި ދިފާއުކޮށްފި

ސީދާ ތިންސެޓުން ޕޮލިސް ބަލިކޮށް ވެމްކޯއިން ތަށި ދިފާއުކޮށްފި

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2022 11:23
0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށްގެންދިޔަ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ޕޮލިސް ކުލަބު ބަލިކޮށް ކުލަބު ވެމްކޯއިން ތަށި ދިފާއުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުރިއަށްދިޔަ ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ވެމްކޯއިން ބޮޑު ލީޑެއް ނަގައިގެން ކުޅުނު ނަމަވެސް، ސެޓުގެ ފަހު ކޮޅު ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް ފަރަގުކުޑަކޮށްފައެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-20 އިންނެވެ.

މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ވެމްކޯގެ އައިޝަތު މާޖިދާ އަދި އައިމިނަތު އަރީޝާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގައި ވެމްކޯއިން ކުޅުނީ ބޮޑު ލީޑަކާއެކުގައެވެ. މި ދެ ސެޓު ވެމްކޯއިން ގެންދިޔައީ 25-16 އަދި 25-12 އިންނެވެ.

އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިހުގެ ހައްވާ ރާޝިދާ، އައިޝަތު ޝަހާ ޝާމިން، މަރިޔަމް އަޒުމާ އަދި ވެމްކޯގެ އަރީޝާ، ހައްވާ ނާޒިމާ، ސިލްމާ ޒާހިރު އަދި ޖޫޒާން ޒަރީރެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ނަރީމާ އިދުރީސް (ނަންނި) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާއެވެ. މީގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ޕަޗަރަޕޯންއެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު ނާޒިމާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.