ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ސަސްޕެންޑްކޮށްފިއެވެ.
ކައުންސިލްތަކުގެ ބެލެނިވެރިފަރާތް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ ޢަބްދުﷲ ރަޝީދު ސަސްޕެންޑްކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށްކަމަށެވެ. އޭނާއަކީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރެކެވެ.
އެލްޖީއޭއިން ޢަބްދުﷲ ރަޝީދަށް ފޮނުވި ސިޓީއެއްގައިވަނީ އޭނާ ސަސްޕެންޑްކޮށްފައިވަނީ އޭނާއާއި ގުޅޭގޮތުން އެއޮތޯރިޓީއަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންކަމަށެވެ. އެލްޖީއޭއިން ބުނެފައިވަނީ ޢަބްދުﷲ ރަޝީދާއި ގުޅޭ 11 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.
އެމައްސަލަތަކުގެ ތެރޭގައި:
– ކޭބަލް ޓީވީ ޚިދުމަތްދިނުމާ ގުޅޭ މަޢުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖެހުމަށްފަހު 10 އަހަރަށް އެގްރިމަންޓުކުރުން
– ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓް ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް މިހާތަނަށް އަންގާފައިނުވުން
– ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްފައިވުން
– ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން 4 މީހުން ނެގިއިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން
– މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެމަގާމަށް އިޢުލާންކުރުމަށް ފަހު ކައުންސިލަރު ބޭނުން މީހަކު މަޤާމަށް ނެގުން
– ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި، އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެކުންފުނިން ހޯދާފައިވުން
– ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުންނެގުން
– ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަ މާލިއްޔަތު ޤަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައިނުވުން
– ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑު ބަލަހައްޓާފައިނެތުން
– ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުން
އެލްޖީއޭއިން ވަނީ ޢަބްދﷲ ރަޝީދު މިމައްސލައާއ ގުޅިގެން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ޖަވާބުދާރީވުމަށްވެސް އަންގާފައެވެ.
ކޮމެންޓު ފޮނުވާ