އޮޅުވާލައިގެން ވަގު ފޯމު ފުރައިގެން ޕާޓީގެ މެމްބަރުން އިތުރުކުރަން މަސައްކަތްކޮށް އެފަދަ ގޮތަކަށް ޕާޓީއަށް މީހެއް ވައްދާފައިވާ ނަމަ އެވާހަކައެއް ދައްކަންވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކެރޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އޮޅުވާލައިގެން އެންމެ ގިނަ އަދަދަށް މެންބަރުން ވައްދާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމަށް ކަމަށް އިލެކްޝަންސްގެ ތަފާސްހިސާބުން ދައްކާފައި ވާތީ އެކަމަށް ރައްދުދެއްވާ ޝުޖާއު ވިދާޅުވީ، އެއީ ޕީޕީއެމްގެ ދަފްތަރުން 5000 މެމްބަރުން ވަގަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިގެން، ސަރުކާރު ކޯލިޝަން ބައިވެރިންގެ ޕާޓީތަކުގެ ދަފްތަރަށް ބަދަލު ކުރި ވާހަކަ އިދިކޮޅުން ދައްކާ ނުނިންމައިގެން ރައީސް ޞާލިޙްގެ އެންގެވުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދި ޕީޕީއެމަށް ވަގަށް ވައްދާފައިވާ ކަމަށް ބުނާ 391 މީހުންގެ ލިސްޓު ހޯދުމަށް އެދޭނެ ކަމަށާއި އެ ލިސްޓް ދޭން ކެރޭނެތޯ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބުރައީސް ޓެގްކުރައްވާ ޝުޖާވަނީ ވިދާޅުވެފައެވެ.
"ސާބިތުކަމާއެކު މިތިބީ ތިޔަފަދަ ކަންކަން މިޕާޓީން ކޮށްފައި ނުވާނެކަން ސާބިތުކޮށް ދިނުމަށް. ވަގަށް ޕާޓީއަށް މީހެއް ވައްދާފައިވާ ނަމަ އެވާހަކައެއް ދައްކަންވެސް މިޕާޓީއަށް ކެރޭނެ"
– ޝުޖާއު
އިލެކްޝަންގެ ތަފާސް ހިސާބުތަކުން ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އޮޅުވާލައިގެން ޕާޓީއަށް މީހުން ވައްދާފައިވަނީ ޕީޕީއެމާއި އެމްޑީޕީއަށެވެ. އެންމެ މެމްބަރުން ގިނަ މިދެޕާޓީގެ ތެރެއިން ޕީޕީއެމަށް 391 މީހުން އޮޅުވާލައިގެން ވައްދާފައި ވާއިރު އެމްޑީޕީއަށް 213 މީހަކު ވައްދާފައި ވާކަމަށް ހިސާބުތަކުން ދައްކައެވެ.
އިލެކްޝަންސް ކޮމިޝަންގެ ފާއިތުވެދިޔަ 5 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 1،208 މީހަކު ވަނީ އޮޅުވާލައި، ސައްޚަކަން ކަށަވަރު ކުރުމެއްނެތި ޕާޓީތަކަށް ވައްދަން ހުށަހަޅާފައެވެ.
ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޞައްޙަ ނޫން ފޯމް ހުށައަޅާ ސިޔާ ޕާޓީތަކާއި، އެޕާޓީއެއްގެ ރަޖިސްޓްރާ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ސިޔާސީ ޕާޓީތަކަށް ވައްދާ މެމްބަރުންގެ ސައްޚަކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީވެސް ސިޔާސީ ޕާޓިތަކުގައެވެ.
ސައްޚަ ނޫން ފޯމެއް ހުށަހަޅައިގެން ކޮމިޝަނަށް އިނގިލި ދިއްކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން އިލެކްޝަނަށް ހުށަހަޅާ ކޮންމެ ފޯމަކީ އެކޮމިޝަނުން ބަލާ ވަކި އުސޫލުތަކެއްގެ ތެރެއިން ޕްރޮސަސް ކުރެވި، އޭގެ ރެކޯޑްސް ފެންނަން ހުންނާނެ ފޯމުތަކެއްކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ