މިސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ މިނިވަންކަން އޮތުމުން ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިވެހި އިގްތިސާދީ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދީފައިވަނިކޮށް އެއާޕޯޓު އަލުން އަނބުރާ ދިވެހިން ހޯދުމަކީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
ރައީސްގެ މިވާހަތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު އަތުން އަތުލުމަކީ ރާއްޖޭގެ މިނިވަންކަން ނެގެހެއްޓުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްކަމަށެެވެ. ރާއްޖޭގެ ވެރިކަމުގައި ތިބި ބޭފުޅުންނަށް މިއަދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވެރިކަމަށް އާދެވުނު އިރު ރާއްޖެ މިނިވަންކަންމަތީ އޮތުންކަމަށެވެ. މިއަދު ޤައުމު ބަގުރޫޓުކޮށް މިނިވަން ގެއްލިގެންދާ ހިސާބަށް ކަންކަން ގޮސްފައިވަނީ ސަރުކާރުން ޢަމަލު ކުރިގޮތުންކަމަށް އަދުރޭ ވިދާޅުވިއެވެ.
ޖީ.އެމް.އާރު އަތުން އެއަރޕޯޓް އަތުލުން ގެއްލުމަކަށްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަނިކުފާނުގެ ވެރިކަމާ ހަމައަށް ދިވެހިންނަށް މިނިވަންކަންމަތީ ތިބެވުނީމަތޯ؟ ގައުމު ބަގްރޫޓް ކޮށްލާފައި އިގްތިޞާދޭ ކިޔައިގެން ވާހަކަ ދައްކަން ލަދެއް ނުގަނޭތޯ؟ރައްޔިތުންނަށް މަނިކުފާނުގެ ނާގާބިލްކަން މިހާރު އެނގިއްޖެ.
– އަދުރޭ ވިދާޅުވިއެވެ.
އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިވެހިންގެ އެއާޕޯޓު ދިގު މުއްދަތަކަށް ދިނުމަށް ނިންމީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހުރެވެ. އެކަމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވެރިކަމާއި ހަވާލުވުމަށް ފަހުގައި ވަނީ އެ އެއާޕޯޓު ޖީއެމްއާރަށް ދިނުމަށް ވެފައިވާ އެއްބަސްވުން އުވާލައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އެކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭރުގެ ސަރުކާރުން ޖީއެމްއާރާއި އެކުގައި ފައްޓަވާފައިވަނީ ވަރަށް ބޭނުންތެރި މަޝްރޫއެއް ކަމަށާއި އެއްބަސްވުން އުވާލުމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުން ވީކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޖީއެމްއާރާއި އެކުވެފައިވާ އެއްބަސްވުން އުވާލުމާއިއެކު ބަދަލެއްގެ ގޮތުގައި ދައުލަތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކަން ވަނީ ދައްކަފައެވެ.
ރައީސް ޖީއެމްއާރުގެ އެއާޕޯޓްގެ ވާހަކަ ދެއްކެވިއިރު، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވީ މިސަރުކާރު ކޯލިޝަންގައެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރ އިމްރާނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހިމެނި ވަޑައިގަންނަވައެވެ.