އަހުމަދު ޒާހިރުގެ ބޮޑެތި ތުހުމަތުތަކެއް މިނިސްޓަރ އަމީރަށް!

އަހުމަދު ޒާހިރުގެ ބޮޑެތި ތުހުމަތުތަކެއް މިނިސްޓަރ އަމީރަށް!

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2022 12:31
0

ގައްދޫގެ ތަރައްޤީއަށް ހިންގާ އެކިއެކި މަޝްރޫޢުތައް ހުއްޓުވުމަށް މިސަރުކާރުގެ ވަޒީރުންގެ ތެރެއިން ގައްދޫއަށް ނިސްބަތްވެ ވަޑައިގަންނަވަ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކަނޑައެޅިގެން ހުރަސް އަޅަމުންދާކަމަށް ވިދާޅުވެ، އެދާއިރާގެ މެމްބަރު އަހުމަދު ޒާހިރުގެ ބޮޑެތި ތުހުމަތުތަކެއް އަމީރަށް ކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ލާމަރުކަޒީ ދައިރާތައް އިދާރާތީ ދާއިރާ ހިންގުމުގައި ކައުންސިލްތަކަށް ދިމާވާ، ދަތިތައް ހައްލު ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ޤަރާރުގެ ބަހުސްގައި އަހުމަދު ޒާހިރު ވަނީ އޭނާ ތަމްސީލް ކުރަމުންދާ ގައްދޫ ދާއިރާގެ ގައްދޫގައި ހިންގުމަށް މަސައްކަތް ކުރި މަސް ފެކްޓްރީގެ މަސައްކަތަށް މިނިސްޓަރ އަމީރުގެ ނުފު ފޯރުވާކަމަށް ތުހުމަތު ކުރައްވާފައެވެ.

އަހުމަދު ޒާހިރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވެގެން މަސްފެކްޓްރީއެއް އަޅަން ހުށަހެޅުން ކައުންސިލް ބިޑްކޮށްގެން އެމީހުންނަށް އެކަން ކާމިޔާބު ވުމުން ދެން ސަރުކުކާރުން ކައުންސިލް ތެރެއަށް އަތްބާނައިގެން ނުފޫޒު ފޯރުވައިގެން އެބިޑް ފޮނުވާލީ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށެވެ.

މިގޮތަށް 8 މަސްދުވަހު ކައުންސިލާއި، އިންވެސްޓަރުންނާއި ދެމެދު މިކަން ހިނގައިދިޔަފަހުން، އެގްރީމަންޓް ތައްޔާރުކޮށް އެލްޖީއޭގެ ހުއްދައާއިއެކު މަސައްކަތް ފެށުމަށް ކޮންޓްރެކްޓް ކުރަން އުޅުމުން ސަރުކާރުގެ ނުފޫޒުން ކައުސިލް އެންގީ ބިޒްނަސް ރަޖިސްޓްރީ ކޮށްގެން އައުމަށްކަމަށެވެ. އެކަން ކޮށްގެން ކޮންޓްރެކްޓަރު އައުމުންވެސް އަދިވެސް އިތުރަށް މަޝްވަރާ ކުރަންޖެހޭ ކަމަށްބުނެ މަސައްކަތް ހުއްޓުވާފައިވާކަމަށް އަހުމަދު ވިދާޅުވިއެވެ.

މިކަންކަމަށް ބައެއް ވަޒީރުން ދަނީ ކައުންސިލަށް ނުފޫޒު ފޯރުވަމުން. ޚާއްސަކޮށް، މިޤައުމުގެ ފިނޭންސް މިނިސްޓަރު ކައުންސިލް ރައީސަށް ނުފޫޒު ފޯރުވައިގެން ކުރާހާ ކަންތައްތައް. ތެދެއްމެ ކައުންސިލް ރައީސް ހުރީ މަޅިއެއްގައި ބެދިފަ. އެހެންވީމާ އެބޭފުޅާ ސަލާމަތް ވާންވެގެން ވަޒީރު ބުނާހާ ގޮތަކަށް ކަން ކުރަމުން އެބަ ގެންދޭ. މިއީ ދެރަކަމެއް. ގައްދޫ ރައްޔިތުންނަށް އެލިބޭ ގެއްލުމުގައި ފިނޭންސް މިނިސްޓަރު ޒިންމާ ނަގަންޖެހޭ. އަޅުގަނޑު މިކުރަނީ ފިނޭންސް މިނިސްޓަރަށް ވަރަށް ބޮޑު ތުހުމަތެއް. ކަނޑައެޅިގެން މިކަން ކުރާކަން އެނގިހުރެ އަޅުގަނޑު މިތުހުމަތު ކުރަނީ.

– އަހުމަދު ޒާހިރު ވިދާޅުވިއެވެ.

އަހުމަދު ވަނީ މިކަމުގައި ކައުންސިލް ރައީސް ސަރުކާރުން ބުނާހާ ގޮތެއް ހަދަން ޖެހިފައިވަނީ އޭނާ މަޅިއެއްގައި ބެދިފައި ހުންނަން ޖެހުމުންކަމަށެވެ. އަހުމަދު ވަނީ ގައްދޫ ތައްރައްގީއަށް ކުރެވޭ ކަންކަމުގައި މިނިސްޓަރ އަމީރު ވަރަށް ބޮޑަށް ހުރަސް އަޅަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ތަރައްޤީ ހުއްޓުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.