ކީރިތި ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކް ޕީޖޭޕީގެ ތަރުޖަމާނު ދެއްކެވި ވާހަކަތައް ސަރުކާރުން ކުށްވެރި ނުކުރި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެގެންކަން ހާމަވެއްޖެއެވެ.
މަޖިލީހުންމި މައްސަލަ ބޭރުކޮށްލި ކޮށްލުމާއި ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލީ ވިޕެއް ނެރެގެންކަމަށެވެ. އެމްޑީޕީ ޕީޖީ ގްރޫޕްގައި މިހާރު އޮތީ ސަރުކާރުގެ މެންބަރުންނަށް ބާރުކަމަށް ސިފަކުރައްވާ ބޮންޑެ ވިދާޅުވީީ، ހުރިހާ ބަދުނާމެއް އާންމުން ރައްދުކުރަނީ މަޖިލީހުގެ ރިޔާސަތަށްކަމަށެވެ. އެހެންކަމުން މިކަން އެނޫންގޮތަކަށް ހަދަންޖެހޭކަމަށް ބޮންޑެ ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގައި މިހާރު ބާރުގަދަ ފަރާތް، ސަރުކާރު އަތުގަ ވިޕު މިއޮތީ. މިކަހަލަ މައްސަލަތަކުގައި ސަރުކާރަށް ވިޕު ނުނެރެވޭގޮތަށް [ހަދަންޖެހޭ]. މަޖިލިސް ރައީސް އިންނެވީ ރިޔާސަތުގަ. ހުރިހާ އެންމެން އިނގިލި ދިއްކުރަނީ ރައީސް ކުރެއްވި ކަމެއްކަމަށް. ރައީސް ރިޔާސަތުގައި އިންނެވީ. މަޖިލީހުގެމެންބަރުން ހައްދަވާ ޤަވާއިދުތަކާއެއްގޮތަށް އަމަލުކުރައްވަން.
– މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
ބޮންޑެ މިހެން ވިދާޅުވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައެޅި މައްސަލަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ ކީރިތި ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ސަރުކާރުން ކުށްވެރިކުރުމަށް ގޮވާލައްވާފައެވެ. އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ، ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކުރުންފަދަ ދަށު ދަރަޖައިގެ އަމަލު ހިންގުމުން މުސްލިމުން ނުހަނު ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން މި ހައްސާސް ދަނޑިވަޅުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށެވެ. އަދި ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލުގައި، ސަރުކާރުން މި ކަމާމެދު ފިޔަަވަޅު އަޅާފައިނުވާ މައްސަލަ ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށައެޅީކަމަށްވެސް އެ މައްސަލާގައިވެއެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން 33 މެންބަރުންގެ އަގްލަބިއްޔަތުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ގައުމުތަކުންވެސް ދަނީ އޭނާގެ އަމަލު ކުށްވެރި ކުރަމުންނެވެ. މިގޮތުން ސައުދީ ފޮރިން މިނިސްޓްރީން ވަނީ މިއަމަލު ކުށްވެރިކޮށް ޚާއްސަ ބަޔާނެއް ނެރެފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްވެސް ވަނީ މިއަމަދު ކުށްވެރި ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ