މި ސިފަތައް ހުރި މީހަކާ ނަމަނަމަ ކައިވެނި ނުކުރާތި!

މި ސިފަތައް ހުރި މީހަކާ ނަމަނަމަ ކައިވެނި ނުކުރާތި!

ދިވެހިރާއްޖެއަކީ މުޅި ދުނިޔެއިން ވެސް އެންމެ ވަރި ގިނަ ގައުމެވެ. ނަމަވެސް މި ކުޑަކުޑަ ގައުމުގައި އެހާ ގިނަ މީހުން އިނދެ ވަރި ކުރަނީ ކޮން ސަބަބުތަކަކާ ހެދި ހެއްޔެވެ؟ ގައިމުވެސް އެކަމުގެ ފަހަތުގައި ވަނީ އެންމެ ސަބަބެއް ދެ ސަބަބެއް ނޫނެވެ.

އެހެންކަމުން، ވަރީގެ އަދަދު މަދުކުރުމަށް އަދުގެ ޒުވާނުންނަށް ކުރެވިދާނެ ކަމެއް އެބައޮތް ހެއްޔެވެ؟ އެންމެ މުހިއްމު އެއް ކަމަކީ، ކައިވެނި ކުރަން އިހުތިޔާރު ކުރާ ބައިވެރިޔާގެ ސިފަތަކަށް ކުރިއާލައި ބެލުމުވެ. ސަބަބަކީ، ގިނަ ފަހަރަށް ވަރިވާން ދިމާވަނީ ކައިވެނި ކުރުމަށްފަހު ދެމީހުންގެ މިޒާޖު ނުގުޅި، ނުވަތަ ބައިވެރިޔާގެ ފަރާތުން ނޭދެވޭ ސިފަތަކެއް ފެންނާތީއެވެ. ކައިވެނީގެ ކުރިން މި ސިފަތައް ގިނަ ފަހަރަށް އޮންނަނީ ފޮރުވިފައެވެ. ނަމަވެސް ނިކަން ފަރުވާތެރިކަމާއެކު ބަލައިފި ނަމަ، އެ ސިފަތައް ހުރިކަން އަންގައިދޭނެ ކަންތައްތަކެއް ހުންނާނެއެވެ.

1. އެއްވެސް ވަރަކަށް ދީންވެރި ނުވުން.

ބަރާބަރަށް ނަމާދަށް ފަރުވާތެރި ނުވާނަމަ، ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކަށް ފަރުވާކުޑަ ކޮށްލަން ޖެހިލުމެއް ނުވާނެއެވެ.

2. މައިންބަފައިންނަށް އިޙުތިރާމު ނުކުރުން.

އަމިއްލަ މައިމީހާއާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރާ މީހަކު، އިނދެގެން އުޅޭ މީހާއާ ދޭތެރޭ ވެސް އެފަދައިން ކަންތައް ކުރާކަށް ފަހެއް ނުޖެހޭނެއެވެ.

3. ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ނެތުން.

މިސާލަކަށް، ވަކި ދާއިރާއަކުން ކިޔަވައިގެން ރަނގަޅު ސަނަދެއް ހޯދުން، ރަނގަޅު ވަޒީފާއެއް ހޯދުން، ދިރިއުޅޭނެ ތަނެއް ހޯދުން މިފަދަ ކަންކަމަށް ވިސްނާ މީހެއްތޯ ބަލަން ވާނެއެވެ. އެފަދަ އެއްވެސް ޙިޔާލެއް ނެތް މީހަކީ ޒިންމާދާރުކަމެއް ނެތް މީހެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އަދި އެމީހަކާ އިނދެގެން އުޅެން ޖެހޭނީ ދަތި ދިރިއުޅުމެކެވެ.

4. ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރަން ނޭނގުން.

މިއީ އަންހެނެއް ވިޔަސް ނޫނީ ފިރިހެނެއް ވިޔަސް، އެނގެން ޖެހޭ ކަމެކެވެ.  ނޫންނަމަ، އެކީގައި ދިރިއުޅެން ވަރަށް އުނދަގޫވާނެއެވެ.

5. ކުދިކުދި ކަންތަކާ ޒުވާބުކޮށް، ހަޑިހުތުރު ބަހުން ވާހަކަދެއްކުން.

މިފަދަ މީހުންނަކީ ރުޅިގަދަ މީހުންނޭ ބުނެވިދާނެއެެވެ. އަދި އިނުމަށްފަހު ޖިސްމާނީ އަނިޔާއަށް ވެސް އެކަން ބަދަލު ވެދާނެއެވެ. ރައްޓެހި ވެގެން އުޅޭއިރު ހުތުރު ބަހުން ވާހަކަ ދެއްކުމަކީ، ރަތް ސިގުނަލެއް ކަމަށް ބަލާށެވެ.

6. ގިނަ މީހުންނާ ގުޅުން ބޭއްވުން.

މިސާލަކަށް ރައްޓެހި ވެގެން އުޅޭއިރު، ތިބާ ނޫން އެހެން ކުދިންނާ ޗެޓުކޮށް، މިގޮތަށް އުޅޭ މީހުންނަކީ އާއްމުކޮށް ކޮންމެވެސް ހިސާބަކުން ބޭވަފާތެރިވާނެ ބައެކެވެ.

7. ރައްޓެހިންނަށް އިސްކަންދިނުން.

މިއީ މުޅިން ގޯސް ސިފައެއް ނޫނެވެ. އެކަމަކު ކޮންމެ ކަމެއްގައި ތިބާ އަންނަނީ ރައްޓެހިންނަށްވުރެ ފަހުން ކަމަށް ވަންޏާ، އިނދެގެން ވެސް ތިބާގެ ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. އެފަދަ މީހުން އުޅޭނީ ރައްޓެހިންގެ ރުހުން ހޯދައި، އެމީހުންނާއެކީ މަޖަލާއި ސަކަރާތުގައި ގިނަ ވަގުތު ހޭދަކުރެވޭތޯއެވެ.

8. އޯވާޕްރޮޓެކްޓިވް ވުން.

އެފަދަ މީހެއް ނަމަ ތިބާ ކުރާ ހުރިހާ ކަމަކަށް ގޮތް ކިޔައި، އޭނާ ބޭނުންވާ ގޮތަށް ނޫނީ ކަމެއް ކުރިޔަކަ ނުދޭނެއެވެ. އެކަހަލަ މީހަކާއެކީ ދިރިއުޅެން ވަރަށް އުނދަގޫ ވާނެއެވެ. ސަބަބަކީ، ވަކި ހިސާބަކުން ތިބާގެ ރައްޓެހިން އަދި އާއިލާ މީހުންނާ ވެސް ދުރުކުރުވަން އުޅެދާނެއެވެ.

9. ދެއްކުންތެރިކަން.

މި ސިފަ ހުންނަ މީހުން އާއްމުކޮށް މީސްމީޑިއާގައި ވަރަށް ހަރަކާތްތެރިވާނެއެވެ. އަދި ދެމީހުން އެކީގައި ވަގުތު ހޭދަކުރާ ކޮންމެ ފަހަރަކު މީސްމީޑިއާއަށް ލައި، އެހެން މީހުންނަށް ދައްކަން އުޅޭނެއެވެ. ޤަބޫލުކުރަން ދަތިވިޔަސް، ބައެއް މީހުން ކައިވެނި ކުރަނީ ވެސް ދެއްކުންތެރިކަމެއް ގޮތުގައެެވެ. އާއްމުކޮށް އެފަދަ މީހުންގެ ކައިވެނި ވަރަށް އަވަހަށް ނިމޭނެއެވެ.

10. ދޮގު ހެދުން.

ތެދެއް ބުނެވެން އޮއްވާވެސް ދޮގު ހަދައި، ކަންތައްތައް ފޮރުވަން އުޅޭ މީހުންނަކީ އަޑި ނޭނގޭ ބައެކެވެ. އެމީހުން އިނދެގެން ބޭވަފާތެރިވުމުގެ ފުރުސަތު ބޮޑެވެ.

މި ނޫނަސް، ނޭދެވޭ ސިފަތަކެއް ފެންނަ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ހިސާބުން ވަކިވުމެވެ. ނޫންނަމަ އެފަދަ މީހަކާ އިނދެގެން ކައިވެނި މާގިނަ ދުވަހަކު ދެމި ނޯންނާނެއެވެ. އަދި ހަމައެކަނި މީހެއްގެ ބޭރުފުށުގެ ސިފައަށް ބަލައިގެން ރައްޓެހިވުމާއި ކައިވެނި ކުރުމަކީ ވެސް މި ޒަމާނުގެ ކުދިން ކުރާ ނުރަނގަޅު ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިހާރުން ބައެއް ފިރިހެނުން މީހަކަާ އިންނަން ބޭނުން ނުވާނެތް އާއިލާބޮލައް ލާގެން އަބިމީހާ މަދިމަގުން

Leave a Reply

Your email address will not be published. Required fields are marked *