ދައުލަތުގެ ރިޒާވް ނުރައްކާ މިންވަރަށް ދަށަށްދާކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

ދައުލަތުގެ ރިޒާވް ނުރައްކާ މިންވަރަށް ދަށަށްދާކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

ދައުލަތުގެ ރިޒާވް ނުރައްކާ މިންވަރަކަށް ދަށްވެދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ. ރައީސް ނަޝީދުމި އިންޒާރު ދެއްވާފައިމިވަނީ، މިއަހަރު ނެގި ބޮޑެތި ދަރަނިތަކާއިއެކު ރާއްޖޭގެ ދަރަނި 100 ބިލިއަނާ ގާތަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކެވީ އެކަން ނުކޮށް، ބޮންޑު ވިއްކާ ނަމަ އޭގެ ތަކްލީފާ ފަހުން ކުރިމަތިވާނޭކަން އެނގިވަޑައިގެން ހުންނަވާކަމަށް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، މިއަހަރާއި އަންނަ އަހަރު، ދަތިވެ ދަރަނި އަދާކުރަން އުނދަގޫވާނެކަން އޭރުވެސް ފާހަގަކުރެއްވި ކަމަށެވެ. އަދިވެސް ކަންކަން ހިނގަމުންދާގޮތް މަޖިލިސް މެންބަރުންނަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރިއަށް އޮތް މަސްތަކުގައި ދައްކަން ހުރި މިންވަރާއި ފައިސާ ހޯދާ ގޮތް ސާފުނުވާކަމަށް ހާމަކުރައްވާފައެވެ. އަދި އަންނަ މަހު ލަފާ ކުރެއްވޭ ގޮތުގައި ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަކަށް ދަށްވެދާނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީ އާންމުކޮށްފައިވާ ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވެފައިވަނީ މިއަހަރުގެ ފުރަތަމަ ތިންމަހުގައި ނެގި ބޮޑެތި ދަރަނި ތަކާއިއެކުގައެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު 4.8 ބިލިޔަން ރުފިޔާގެ ލޯނު ނަގާފައެވެ. މިއީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވިމެކެވެ.

ފިނޭންސުން އާންމުކޮށްފައިވާ ހިސާބުތަކުން ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 33 ބިލިއަން ރުފިޔާގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ 52 ބިލިއަން ރުފިޔާގައެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލެމުންދާއިރު ދުނިޔޭގެ މަސްރަހަށް މިހާރު އަންނަމުންދާ އިޤްތިޞާދީ ލޮޅުންތަކާއިއެކު އަންނަ 2023 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު އެބަ އޮތް އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ، ޖޭޕީމޯގަން އިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން %122 އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *