ތަރައްގީގެ ބޮޑެތި، ބިޔަ މަޝްރޫއުތަކާއި ދަރަނީގެ ތިލަފަތް ހަމަ ނުކުރެވިއްޖެ ނަމަ، އޮތް ނުރައްކާ ވަރަށް ބޮޑު!

ތަރައްގީގެ ބޮޑެތި، ބިޔަ މަޝްރޫއުތަކާއި ދަރަނީގެ ތިލަފަތް ހަމަ ނުކުރެވިއްޖެ ނަމަ، އޮތް ނުރައްކާ ވަރަށް ބޮޑު!

Author
ހުސެއިން
05 ޖޫން 2022 09:02
0

2008 ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ އާ ގާނޫނު އަސާސީއާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލަކަށް ވެގެން ދިޔައީ، އެކަށައެޅިފައިވާ މެނިފެސްޓޯއަކާ އެކީ ސިޔާސީ ޕާޓީތަކުން ވެރިކަންކުރަން ފެށުމެވެ. މާނައަކީ، ވެވަޑައިގަންނަވާ ވައުދުތަކާއެކީ، އަދި ވައުދު ފުއްދަވާނޭ ތާވަލަކާއެކީ ރައްޔިތުން އިންތިޚާބުކުރާ ވެރީ ގައުމުގެ ރިޔާސަތާއި ހަވާލުވެ ވަޑައިގަންނަވަން ފެއްޓެވީ އާ ގާނޫނު އަސާސީން ވެރިކަމުގެ ނިޒާމަށް ގެނައި މި ބޮޑު ބަދަލަށް ފަހުއެވެ.

އެއަށްފަހު، އައި ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް، ވާދަކުރެއްވި ކޮންމެ ރިޔާސީ ކެނޑިޑޭޓަކުވެސް ވަނީ ވެރިކަމުގެ ދައުރުގައި ފުއްދަވާ ދެއްވާނޭ ވައުދުތައް މެނިފެސްޓޯއެއްގެ ސިފައިގައި ރައްޔިތުންނަށް ހުށަހަޅުއްވާ، އަހުދު ކަށަވަރު ހިއްޕަވާފައެވެ.

އެހެންނަމަވެސް، ފާއިތިވެދިޔަ ތަނުގައި ރާއްޖޭގައި ރިޔާސީ އިންތިޚާބުތަކަށް ސިޔާސީ ޕާޓީތަކުން ތައްޔާރުކޮށް އާންމުކޮށްފައިވާ މެނިފެސްޓޯތަކުގައި އާންމު ކޮށްފައިވާ ރިޔާސީ ވައުދުތަކާއި، އަދި ހިންގުމަށް ހުށަހަޅުއްވާފައިވާ ބޮޑެތި ޕްރޮޖެކްޓްތަކަށް ބަލާއިރު ސިޔާސީ ލީޑަރުންގެ ގިނަ ވައުދުތައް ފާހަގަވެގެން ގޮސްފައިވަނީ ގައުމުގެ އިގްތިސާދީ ތަރައްގީއަށްވުރެ ބޮޑަށް، ލޮލަށް ފެންނަ ކޮންކްރީޓް ސްޓްރަކްޗަރތަކުގެ މައްޗަށް ބިނާވާ ވައުދުތަކެއްގެ ގޮތުގައެވެ.

ސިނަމާލެ ބްރިޖް: ރާއްޖޭގެ ސަރުކާރުތަކުގެ ސިޔާސީ ވައުދުތައް ގުޅިފައި އޮތީ ދައުލަތަށް އާމްދަނީ ނުލިބޭ, ތަރައްގީގެ ބޮޑެތި ވައުދުތަކާ

އެހެންނަމަވެސް މީގެ ތެރޭގައި ހިމެނޭ ބައެއް ކޮންކުރީޓް ސްޓްރަކްޗަރތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާ ގުޅުންހުރި ވައުދުތައްކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މީގެ ތެރޭގައި ހިމެނޭ އެއް މިސާލަކީ ރައީސް ޔާމިންގެ ދައުރުގައި އަޅުއްވާ، މިހާރު މީހުންވެސް ދިރިއުޅޭން ފަށާފައިވާ ހިޔާ ފްލެޓްތަކެވެ. އަދި މި ފްލެޓްތަކަކީ ސައިޒުންކުޑަ، ތަނުގައި ދިރިއުޅެން ދަތި ތަންތަނަށް ވީނަމަވެސް، މި ފްލެޓްތައް ފާހަގަ ކޮށްލާން ޖެހެނީ ރައްޔިތުންގެ އަސާސީ ބެނުންތަކާއި އިންތިހާއަށް ގުޅި ލާމެހިފައިވާ، އަދި އާންމު ދިރިއުޅުމުގެ ހާލަތަށްވެސް އިހުނަށްވުރެ ރަގަޅު ބަދަލުތަކެއް ގެނުވި ތަރައްގީގެ މަޝްރޫއެއް ކަމުގައެވެ.

ނަތީޖާއެއްގެ ގޮތުން، މިއީ ތަރައްގީގެ ނިސްބަތުން ބޭކާރު، އަދި އިގުތިސާދަށް ނަފާވެރިކަމެއް ލިބިނުގަނެވޭ، ހަމައެކަނި "ލޮލަށް ފެންނާންހުރި" ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި ސިފަކުރެވެން ނެތްކަމުގައި ދަންނަވާން ޖެހެއެވެ.

 

ބޮޑެތި ބައެއް ތަރައްގީގެ މަޝްރޫއުތަކަކީ ނުރައްކަލެއް!

ދައުލަތަށް އާމްދަނީ ނުލިބޭ، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ އާދައަކީ ވަކީން ޚާއްސަކޮށް ދެކުނު އޭޝިއާގެ ކުޑަކޮށް ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުން ފެންނަ އާދައެއް ކަމުގައި ދަންނަވާން ޖެހެއެވެ.

މިގޮތުން މިފަދަ ގިނަ މަޝްރޫޢުތައް ފާހަގަވެގެން ދަނީ، ލޮލަށް ފެންނަ ތަރައްގީގެ މަޝްރޫޢުތައް ހިންގާ އެ މަޝްރޫއުތަކުގެ ޒަރީއާއިން އާންމު ރައްޔިތުންގެ ތާއީދު ލިބިގަތުމުގެ އުއްމީދުތަކުގައި ވެރީން ކުރިޔަށް ގެންދާ ބޮޑެތި ޕްރޮޖެކްޓްތަކުގެ ގޮތުގައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މީގެ އެންމެ ފުރިހަމަ މިސާލުތައް މިއަދު ފެންނާންހުރީ، އިގްތިސާދީގޮތުން މިހާރު "ބަނގުރޫޓު" ވެފައިވާ ސްރީ ލަންކާއިންނެވެ.

ސްރީ ލަންކާއަށް މިހާރު ކުރިމަތި ވެފައިވާ އިގްތިސާދީ ގިނަ މައްސަލަތައް އުފެދިގެން އައި ގިނަ ނިންމުންތައް ނިންމެވި، އެގައުމުގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، ދަރަންޏަށް އޭނާ ހިންގަވާފައި ބޮޑެތި ބައެއް މަޝުރޫއުތައް މިއަދު ފާހަގަވެގެން ގޮސްފައިވަނީ ސްރީލާ އިގްތިސާދީ އަދަވަޅަކަށް ވެއްޓިގެން ދިއުމުގައި ބޮޑު ދައުރެއް އަދާ ކޮށްފައިވާ މަޝްރޫއުތަކެއްގެ ގޮތުގައެވެ.

މީގެ ތެރޭގައި މިއަދު ގިނަ ބަޔަކު ފާހަގަކުރާ އެއް މަޝްރޫއަކީ 2012 ވަނަ އަަހަރު، މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، އެ އަހަރުގެ ޖެހުނަރީމަހުގެ 20ވަނަ ދުވަހު އޭނާ އިފްތިތާހު ކޮށްދެއްވި "ކޮލޮމްބޯ ލިޓަސް ޓަވަރު" މަޝްރޫއުގެ ބޮޑު ޕްރޮޖެކްޓެވެ.

ކޮލޮމްބޯ ލޮޓަސް ޓަވަރ: 104.3 މިލިއަން ޑޮލަރު ހޭދަކޮށްގެން ބިނާކުރި ި މި ޓަވަރު ފާހަގަވެގެން ގޮސްފައިވަނި, ކޮށްފައިވާ މި ބޮޑު ހޭދައައި އެއްވަރުގެ އާންދަނީ އެއް ނުލިބުނު ބޮޑުތަނުން ބޭކާރު ހޭދައެއްގެ ގޮތުގައި

މި ޓަވަރަކީ 104.3 މިލިއަން ޑޮލަރު ހޭދަކޮށްގެން، ޗައިނާ ނޭޝަނަލް އިލެކްޓްރޯނިކްސް އިމްޕޯޓު އެންޑް އެކްސްޕޯޓު ކޯޕަރޭޝަން (CEIEC)އާއި ހަވާލުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ ތަރައްގީގެ ބޮޑު މަޝްރޫއެކެވެ. އަދި މިމަޝްރޫއު ބެލެވިފައިވަނީ، ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ އެންމެ ވަރުގަދަ އެއް ލޭންޑް މާރކް ކަމުގައިވެސް މެއެވެ. 2019ވަނަ އަހަރާއި ހަމައަށް މި މަޝްރޫއު ވެގެން ދިޔައީ ސައުތު އޭޝިއާގައި ހުރި އެންމެ އުސް ޓަވަރުގެ ކަމުގައެވެ. އަދި މިއީ އޭޝިއާގައި ހުރި 11 ވަނައަށް އެންމެ އުސް ޓަވަރު ކަމުގައި ވާއިރު، ދުނިޔޭގައި ހުރި 19 ވަނައަށް އެންމެ އުސް ޓަރަރުވެސް މެއެވެ.

މަސައްކަތް ފެށިތާ 7 އަހަރުފަހުން ނިންމާ، 2019 ވަނަ އަހަރު ހުޅުވާފައި މިޓަވަރު ބިނާ ކުރުމަށްފަހު، މިއީ އެގައުމުގެ ވަރުގަދަ ލޭންޑް މާރކަކަށް ވެގެން ދިޔަނަމަވެސް، މި ޕްރޮޖެކްޓް މިއަދު ސިފަ ކުރެވިގެންދަނީ، މިއީ ކުރި ހޭދައާއި އަޅާ ކިޔާލެވޭ މިންވަރަށްވެސް އާމްދަނީ މި ބިޔަ ޓަވަރުން ގައުމުގެ މާލިއްޔަތަށް ހޯދައި ނުދިން، "ބޭކާރު" ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައެވެ. އަދި މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ލޯނު ނަންގަވައިގެން އޭނާ ކުރިޔަށް ގެންދެވި ތަރައްގީގެ މިފަދަ ބިޔަ ބޮޑު މަޝްރޫއުތަކުގެ ނަތީޖާއެއްގެ ގޮތުން އޭގެ 10 ވަރަކަށް އަަހަރުފަހުން މިއަދު ސްރީ ލަންކާ އަރައި ނުގަނެވޭވަރުގެ އިގްތިސާދީ ފުން އަނދަވަޅަކަށް ވެއްޓިގެން ގޮސްފައިވާއިރު، އޭރު ކުރިޔަށް ގެންދެވި މި ބޮޑެތި މަޝްރޫއުތައް ވެގެންދިޔައީ އޭނާ އޭރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް، ބޮޑެތި ލޯނުތައް ނަންގަވައިގެން، ޑީލްތައް ހައްދަވައިގެން ކުރިޔަށް ގެންދެވި ބޮޑެތި ކޮންކްރީޓް މަޝްރޫއުތަކުގެ ގޮތުގައިވެސް މެއެވެ.

މިގޮތުން، ސްރީ ލަންކާގެ މިއަދުގެ ހާލަތުން ފެންނާން އޮތް އެންމެ މުހިންމު އިބުރަތަކީވެސް، ސިޔާސީ ފަރާތްތަކުގެ ނުރަގަޅު ނިންމުތަކުގެ ނަތީޖާއެއްގެ ގޮތުން ގައުމެއް ބަގުރޫޓު ވެގެން ދިއުމަކީ ހަގީގަތުގައިވެސް ކުރިމަތި ވެދާނެ ހަލަތެއް ކަމެވެ.

މި ސަރުކާރުން އަޅަން ފަށާފައިވާ ތިލަ މާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރިޔަށް ދަނީ

 

ރާއްޖޭގައިވެސް އޮތީ އާމްދަނީ ނުލިބޭނޭ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ސަގާފަތެއް!

މިއުސޫލުން ބަލާއިރު، ދިވެހިރާއްޖެއަކީވެސް، ރިޔާސީ ކެމްޕޭން ތަކުގައި ސިޔާސީ ފަރާތްތަކުން، ހިސާބު ޖެހުމެއް ނެތި ބޮޑެތި ވައުދުތައް ވަމުންދާ ގައުމެކެވެ. އަދި ހަމަ އެއާއެކު ރާއްޖެވެސް މިއަދު ފާހަގަ ވާން އޮތީ، އޭގެ ޒާތުގައި ދައުލަތަށް އާމްދަނީ ނުލިބޭ، އެހެންނަމަވެސް ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާ ގައުމެއްގެ ގޮތުގައެވެ.

އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ ރައީސް ޔާމިންގެ ދައުރުގައި 300 މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅާފައިވާ ބުރިޖެވެ. މި ފައިސާގެ ބޮޑު ބަޔަކީ ދައުލަތުން ނަގާފައިވާ ލޯނެވެ. މި ބުރިޖު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް، ކުލަގަދަ ރަސްމިއްޔާތަކާއެކު އިފްތިތާހު ކުރުމަށްފަހު، ކޮންމެ އަހަރަކުވެސް ދައުލަތުން ދަނީ އެތައް މިލިއަން ރުފިޔާއެއް ލޯނުގެ ގޮތުގައި ދައްކަމުންނެވެ. ކޮންމެ އަހަރަކުވެސް 30 މިލިއަން ރުފިޔާ ބުރިޖްގެ މެއިންޓެނަންސަށް ޚަރަދު ކުރަން ޖެހެއެވެ.

އެހެންނަމަވެސް، ފާހަގަ ކޮށްލާންޖެހޭ ކަމަކީ، މިއީ އޭގެ ޒާތުގައި ދައުލަތަށް އެންމެ ލޯ ލާރިއެއްވެސް ވައްދާދޭ އިންފްރާ ސްޓްރަކްޗަރއެއް ނޫންކަމެވެ.

އަދި މި ބުރިޖު ރައީސް ޔާމިންގެ ސަރުކާރުން އެޅުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، އެއަށްވުރެ ދިގު ބުރިޖެއް އެޅުމުގެ ވިސްނުން އައިސް މި ސަރުކާރުން އެ މަސައްކަތަށް ފޫގަޅާލުމެވެ. ޖުމްލަ 6 ކިލޯ މީޓަރުގެ ބުރިޖެއް މިސަރުކާރުން އަޅަނީ ރައީސް ޔާމިންގެ ސަރުކާރުން ނެގި ލޯނަށްވުރެ ބޮޑު ލޯނެއް އިންޑިއާ ސަރުކާރުން ނަގައިގެންނެވެ.

މިގޮތުން މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބުރިޖު އެޅުމަށް މިސަރުކާރުން ފޫގަޅާލާފައި ވާއިރު، ތިލަ މާލެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. މި ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ. މި ބޮޑު ޚަރަދުގެ %75 އަކީ ލޯން ފައިސާއެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެގެން ގޮސްފައިވާއިރު ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ މިއިން އެއްވެސް މަޝްރޫއަކީ މިމަޝްރޫއުތަކާ އަޅާ ކިޔާލޭވޭ މިންވަރަށްވެސް ދައުލަތަށް އާމްދަނީ، ވައްދާ ނުދޭ މަޝްރޫއުތައް ކެމެވެ.

މި ސަރުކާރުން ގުޅިފަޅާއި މާލެއާއި ދެމެދު އެޅުމަށް ޕްލޭން ކޮށްފައިވާ ބުރިޖްގެ ކުރެހުމެއް: ދައުލަތަށް އާމްދަނީ ނުލިބޭ މެގަ ޕްރޮޖެކްޓްތައް ހިންގުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް

އަދި މިއަދު ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޖީޑީގެ ނިސްބަތުން ބަލާއިރު ދައުލަތުގެ ދަރަނި ހުރީ %100 އަށްވުރެ މަތީގައިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

އެހެންކަމުން، މިއަދު ޚަރަދުތައް ފޫ ބެއްދުނު ނަމަވެސް، ދަރަނި ތިރި ނުކުރެވި، ދައުލަތަށް އާމްދަނީ ނުވަންނަ މެގަ ޕްރޮޖެކްޓްތައް ދަރަނިން ހިންގާ، އިގްތިސާދާއި ނުބައްދަލު ސިޔާސީ ވައުދުތައް ފުއްދުމުގެ ސަގާފަތެއް އޮވެ، މިމިސްރާބަށް ގައުމުގެ ނާ ދަތުރު ކުރަމުން ދާނަމަ، ނުރައްކަލުގެ ރަނގަބީލުގެ އަޑު މިރާއްޖެއިން ކެނޑިގެންދާނެ ކަމުގައި ނުބެލެވެއެވެ. މިއީ އޭރުވެސް މިހާރުވެސް ގައުމުގައި އަށަގެންފައި އޮތް ތަރައްގީގެ ނުރަގަޅު އާދައެކެވެ. ގައުމުގެ ސަލާމަތާއި ދުޅަހޮޔެކަމަށްޓަކާ ދޫކޮށްލާން ޖެހިފައިވާ އާދައެއްވެސްމެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.