ރާއްޖޭން މިއަހަރު ހައްޖަށްދާ ފުރަތަމަ ގުރޫޕް މިމަހުގެ 26 ވަނަ ދުވަހު ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބުނު 453 ޖާގަ އެއްކޮށް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އައްމުކޮށް ހުޅުވާލައިގެން މީހުން ހޮވުމަށް ވަނީ ނިންމާފައެވެ. މިހާރު ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވެފައިިވާއިރު ގުރުއަތު ނެގުން އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހޯމަ ދުވަހުގެ މެންދުރު 14:30 އިން 17:30 އަށް ކުރިއަށްގެންދާ ގުރުއަތުނެގުން ޕީއެސްއެމް ނިއުސްއިން ލައިވްކޮށް ދައްކާނެއެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ފުރާ ފުރަތަމަ ގުރޫޕްގައި 157 މީހުން ހައްޖަށް ފުރާނެ ކަމަށެވެ. އެއަށްފަހު އެކި ދުވަސްތަކުގެ މަތިން މީހުން ޙައްޖަށް ދިއުމަށްޓަކައި ފުރުވަމުން ގެންދާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އާއްމުކޮށް ހުޅުވާލައިގެން ހައްޖަށް ދިއުމަށް 100 ޖާގަ އޮތްއިރު މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76960 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.
ސައުދި އަރަބިއްޔާ އިން ކަނޑައަޅާފައިވާ ކޮވިޑް 19ގެ އުސޫލުގައިވާ ގޮތުން މިއަހަރު ހައްޖަށް ދެވޭނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ޙައްޛު ދުވަހަކީ އަންނަމަހުގެ 8 ވަނަ ދުވަހެވެ.