ގއ.ވިލިނގިލީގައި ގެއަކަށްވަދެ އެގޭގައި ތިބި 4 އަންހެނެއްގެ ގައިގައި ދަތްއަޅައި އެކެއްގެ އިނގިލި ކަނޑާލި މީހާ ދޫކޮށްލަން ކޯޓުން އަމުރުކޮށްފިއެވެ.
ވިލިނގިލީގައި ގެއަކަށް ވަދެ އެގޭގެ ތިބި ހަތަރު އަންހެނެއްގެ ގައިގައި ދަތް އަޅައި، އެއިން އެކަކުގެ އިނގިލި ބުރިކޮށްލި މީހަކު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލައިގެން 150 ދުވަހަށް ޖަލަށްލުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހު ހުކުމްކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ޝަރީއަތް ރިވިއު ކުރަން އެދުމުން އިއްޔެ ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށާއި އޭނާ ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށެވެ. މިމައްސަލާގައި ހައްޔަރުކުރީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ވިލިނގިލީގެ ގެޔަކަށްވަދެ މާރާމާރި ހިންގާ އަނިޔާކޮށްފައިވާއިރު، އޭގެ ތެރޭގައި އޭނާގެ ކުރީގެ އަނބިމީހާ ހިމެނެއެވެ. އޭނާ ދަތް އެޅި އެކެއްގެ އިނގިލި ވަނީ އެއް ސެންޓި މީޓަރު ވަރުގެ ތަނެއް ކަނޑާލާފައެވެ. އުމުރުން ދުވަސްވީ އަންހެނެއްގެ އަތުގެ އިނގިލި ބިންދާލާފައިވާއިރު، އިތުރު އަންހެނެއްގެ ފަޔާއި އަތުގައި ދަތް އަޅައި އަނިޔާދީފައިވާ ކަމަށް ވިލިނގިލީ ކޯޓުން ކޮށްފައިވާ ޢަމުރުގައި ބަޔާންކޮށްފައިވެއެވެ.
އޭނާ ވަނީ ކޯޓަށް ޙާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލާފައެވެ. ޤާޞީ ވަޑައިގަތުމުން ކޯޓުގައި ޢަމަލުކުރާ އުސޫލަކީ ކޮޅަށް ތެދުވުންކަމަށްވާއިރު އޭނާ އެކަން ނުކޮށް ވަނީ އެއީ ކުފުރުގެ ޢަމަލެއްކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ