ރާއްޖޭގެ 3 ސްކޫލްއެއްގައި "އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް" ޔުނިޓްތައް ޤާއިމްކުރުމަށް އިންޑިއާއިން 4.6 މިލޔަން ރުފިޔާގެ ހިލޭ އެހީ ހަމަޖައްސައިދީފިއެވެ.
މި އެހީގެ ދަށުން އައިއީއެސް ޔުނިޓުތައް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒާއި ގއ. ތިނަދޫގައި ހުންނަ އަބޫބަކުރު ސުކޫލުގެ އިތުރުން ލ.ގަމުގެ އިހައްދޫ ސުކޫލުގައެވެ. މި މަޝްރޫއުގެ ދަށުން އެ ތިން ސްކޫލްގައި އިންސާނީ ވަސީލަތްތައް ޤާއިމްކުރުމާއި ބޭނުންވާ އިންފްރާސްޓްރަކްޗަރ އާރާސްތުކޮށް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން އެ ޔުންޓްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދުމާއި އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުންވެސް ހަމަޖެހިފައިެވެ.
މި އެހީ ހަވާލުކުރުމަށްޓަކައި ހއ.އަތޮޅޫ ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދަައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ފޯރުކޮށްދެމުން އަންނަ ޤައުމެއްކަމަށާއި ޚާއްސަގޮތެއްގައި ތަޢުލީމީ ދާއިރާއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާކަމަށެވެ. ސްޓޭޓް މިނިސްޓަރ ވަނީ އިންޑިއާއިން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ އިތުރަށްވެސް އިންޑިއާ މުދައްރިސުން އެކި ސްކޫލްތަކުގައި ހަރަކާތްތެރިވާކަން ފާހަގަ ކުރައްވާފައެވެ.
Indian High Commissioner to the Maldives H.E Manu Mahawar graced the launching of Indian Grant Project on Strengthening Inclusive Education Support Units at HA.AEC, Ihadhdhoo School & Aboobakuru School. pic.twitter.com/DcnNnwRhLu
— Ministry of Education (@MoEdumv) June 3, 2022
އަދި މިހާރު 3 ސްކޫލްއެއްގައި ސެން ޔުނިޓްތައް ޤައިމްކުރުމަށް ދިން އެހތެރިކަމުގެ އިތުރަށް ކުރިއަށް އޮތްތަނުގައި މިފަދަ އެހެން ޔުނިޓްތައް ޤާއިމްކުރުމަށް އިންޑިއާއިން އެހީތެރިވެ ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަނޫ މަހާވަރާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑާއިގެންނެވިއެވެ.