ސިއްޙީ ނިޒާމާ މެދު ދެކޭގޮތް ދެނެގަތުމަށް ޚާއްޞާ ފޯރަމެއް ބާއްވަނީ

ސިއްޙީ ނިޒާމާ މެދު ދެކޭގޮތް ދެނެގަތުމަށް ޚާއްޞާ ފޯރަމެއް ބާއްވަނީ

Author
މުޙައްމަދު ޖިމީ
14 ނޮވެމްބަރ 2020 11:11
0

ރާއްޖޭގެ ސިއްހީ ނިޒާމާއި ގުޅޭގޮތުން ޢާންމުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް މޯލްޑީވްސް ރިސާރޗުން މިއައު ޚާއްޞަ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

ފޯރަމްގެ ބޭނުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމާއި ބެހޭގޮތުން އެނިޒާމު ބޭނުން ކުރައްވާ އުތުރުގެ އަތޮޅުތަކުގެ އެކިއެކި ފަރާތްތަކުގެ ޚިޔާލު ހޯދުންކަމަށާއި، މިފޯރަމުގައި ޞިއްޙީ ނިޒާމުގެ ފުންނާބު އުސް ފަރާތްތަކާއި، ޚިދުމަތް ދެއްވާ ބޭފުޅުންނާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަނެވޭނެކަމަށް މޯލްޑިވްސް ރިސާރޗުން ބުނެއެވެ.

ވިލާކޮލެޖާއި އޭޑީކޭ ގުޅިގެން ކުރިއަށްގެންދާ މިފޯރަމް ކުރިއަށް ގެންދަނީ ރޫމް ކޮންފެރެންސިން ބޭނުން ކޮށްގެން ފޯރަމްގެ ބައިވެރިންނާ، ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ފަރާތްތަކާއި، މި ފޯރަމް އިންތިޒާމު ކުރާފަރާތް ޒޫމް މެދުވެރިކޮށެވެ. އުތުރުގެ އަތޮޅުތަކާއި، މާލެ އާއި، އިނގިރޭސިވިލާތާއި، އަދި ތައިލޭންޑުގާ ތިއްބެވި ބައިވެރިންނާ ޒޫމް މެދުވެރިކޮށް ގުޅާލެވޭނެކަމަށް މޯލްޑިވްސް ރިސާރޗުން ބުނެއެވެ.

މިފޯރަމް ކުރިއަށްދާނީ މިއަދު ހެނދުނު 08:30 އިން ހަވީރު 17:30 އަށެވެ. މިފޯރަމުގައި ސިއްޙީ ނިޒާމުގެ ސިޔާސަތު ކަނޑައެޅުމުގެ މާހިރެއް ކަމުގައިވާ ޑރ. ޢަބްދުއް ސައްތާރު ޔޫސުފާއި މިހާރު ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑރ. އަލީ ނިޔާފު ކީނޯޓު ސްޕީކަރުންގެ ހައިޞިއްޔަތުން މި ފޯރަމުގެ ބައިވެރިންނާ މުޚާޠަބުކުރާނެކަމަށްވެސް މިފޯރމް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިފޯރަމުގައި މަޝްވަރާ ކުރާ މައިގަނޑު މަޢުޟޫއުތަކުގެ ތެރޭގައި ޞިއްހީ ޚިދުމަތުގެ ނިޒާމާއި، ދެވޭ ޚިދުމަތާއި މުވައްޒަފުންގެ އިތުބާރާއި، އިންސާނީ ވަޞީލަތްތަކާއި، ޤާނޫނުތަކާއި، ޤައުމީ ޞިއްޙީ ޚިދުމަތްތަކުގެ އިންޝުއަރެންސް ސްކީމްތަކާއި އޭގެ އަގުތަކުގެ އިތުރުން ސިއްޙީ ޚިދުމަތްލިބެންހުރި ހަމަހަމަކަމާ އިންސާފުވެރިކަން އަދި ވަކިފަރާތަކަށް ނުޖެހުން މި ދާއިރާތަކުންނެވެ.

މިމަޝްވަރާތަކުގެ އަލީގައި މޯލްޑިވްސްރިސާރޗުން ރިޕޯރޓެއް ޝާއިޢުކުރަންވަނީ ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. އަދި މިރިޕޯރޓުގައި ސިއްޙީ ނިޒާމު ރަގަނޅު ކުރުމަށް ބޭނުންވާ ސިޔާސަތު ކަނޑައެޅުމަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅާނެކަމަށްވެސް އެފަރާތުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.