ޕީޖީ ޝަމީމް ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ މެމްބަރުން ފަށައިފި

ޕީޖީ ޝަމީމް ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ މެމްބަރުން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
01 ޖޫން 2022 04:07
0

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މަޤާމުން ވަކި ކުރުމަށްޓަކައި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން މަސައްކަތް ފަށައިފިއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދު އެޖެންޑާގައި މިމަސައްކަތް ހިމެނިފައިނުވާތީ، މައްސަލަ ވަކި ބައްދަލުވުމަކަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ ޕީޖީ ގްރޫޕްގައި މިހާރު ވަރަށް ގެދަނަށް ދެކެވޭ ވާހަކައެއް ކަމަށެވެ. ޝަމީމް ވަކިކުރުމަށް މިއަދު ހުށަހެޅުނު މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވަނީ މިމައްސަލައަކީ ސީރިއަސް އަދި އިތުބާރު ނެތްކަމުގެ މައްސަލައަކަށްވުމުން ވަކިން އެޖެންޑާކޮށްގެން ބާއްވަންޖެހޭ މައްސަލައަކަށް ވުމުންކަމަށެވެ.

މަޖިލީހުގައި 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ޝަމީމާ މެދު ހިތްހަމަނުޖެހުން އަމާޒުވީ ސީދާ ކޮން މައްސަލަތަކަކާ ގުޅިގެން ކަން އަދި ސާފުނުވިޔަސް މީގެ ކުރިން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވާފައިވެއެވެ. އޭގެތެރޭގައި، އެމްއެމްޕީއާރުސީގެ މައްސަލަ އާއި އޭސީސީން ތަހުގީގުކޮށްފައި ފޮނުވާ ބައެއް މައްސަލަތަކުގައި ދައުވާކުރުން ލަސްވާ މައްސަލަ ހިމެނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޝަމީމް އައްޔަންކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް އެމަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.