1980 ވަނަ އަހަރު ޑަޔާނާ ބްލެކް ޝީޕް ޖެކެޓް ތުރުކުރައްވައިގެން ޕްރިންސް ޗާލްސްއާއެކު

ޑަޔާނާގެ މަޝްހޫރު "ބްލެކް ޝީޕް" ޖެކެޓް އަލުން ބާޒާރަށް

ޑަޔާނާގެ މަޝްހޫރު "ބްލެކް ޝީޕް" ޖެކެޓް އަލުން ބާޒާރަށް

އިގިރޭސިވިލާތުގެ ވަލީ އަހުދު ޕްރިން ޗާލްސްގެ ކުރީގެ އަބިކަބަލުން ޕްރިންސް ޑަޔާނާ މީގެ 40 އަހަރު ކުރިން ތުރުކުރެއްވި މަޝްހޫރު ޖެކެޓެއް އަލުން ބާޒާރަށް ނެރުމަށް އެ ޖެކެޓް ޑިޒައިން ކުރިން 'ވާމް އެންޑް ވޮންޑަރފުލް' އިން ނިންމައިފިއެވެ.

މި ޖެކެޓް މަޝްހޫރު ވެގެން ދިޔައީ، 1980 ވަނަ އަހަރު އިގިރޭސިވިލާތުގައި ކުޅުމު ޕޯލޯ ކުޅިވަރު މެޗެއް ބައްލަވާލެއްވުމަށް ޕްރިންސް ޗާލްސްއާއެކު ޑަޔާނާ ވަޑައިގެންނެވި ދުވަހެއްގައި މި ޖެކެޓު ތުރުކުރައްވައިގެން ހުންނެވުމުންނެވެ.

1979 ވަނަ އަހަރު، މަޝްހޫރު ޑިޒައިނިންގ ބްރޭންޑް 'ވާމް އެންޑް ވޮންޑަރފުލް' އިން ތައްޔާރުކުރި މި ޖެކެޓްގެ ޑިޒައިން އާންމުނަށް ކަމުދިޔައީ، މި ޖެކެޓްގައި ހުދުކުލައިގެ ކަންބަޅިތަކެއް ޖަހާފައި ހުރިއިރު، ޖެކެޓުގެ ކުރިމަތީގައި ކަޅު ކުލައިން ވިޔެފައިހުރި އެންމެ ކަންބަޅިއެއް ފެންނަން އިނުމުންނެވެ.

1980 ވަނަ އަހަރު ޑަޔާނާ ތުރުކުރެއްވި އަސްލު ޖެކެޓް މިހާރުވަނީ އިގިރޭސިވިލާތުގެ 'ވިކްޓޯރިއާ އެންޑް އަލްބާޓް މިއުޒިއަމް’ގެ އާސާރީ ތަރިކަތަކުގެ ތެރޭގައި ހިމަނާފައެވެ. އެހެންނަމަވެސް، ނެޓްފްލިކްސްއިން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ "ދަ ކްރޯން"ގެ 4 ވަނަ ސީޒަންގެ 3 ވަނަ އެޕިސޯޑުގައި، ޑަޔާނާ މީގެ 40 އަހަރު ކުރިން ބޭނުންކުރެއްވި މި ޑިޒައިން އަލުން އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނެޓްފްލިކްސްގެ މި ސީޒަންގައި، 1977 އިން ފެށިގެން 1990އާ ހަމައަކަށް ދުނިޔޭގެ މަޝްހޫރު ޑިޒައިނަރ އާމީ ރޮބާރޓްސް ތައްޔާރުކުރި ވަރަށް ގިނަ ޑިޒައިންތައް ތައާރަފް ކުރެވިގެން ދާނެއެވެ.

މީގެ 40 އަހަރުކުރިން ޕްރިންސެސް ޑަޔާނާ ބޭނުން ކުރެއްވި މި ޑިޒައިން، ވާމް އެންޑް ވޮންޑަރފުލްގެ ފަރާތުން އަލުން ތަޢާރަފްކޮށް އެންމެ ފުރަތަމަ ބާޒާރަށް ނެރެވުނީ 1994 ވަނަ އަހަރު، އެމެރިކާގެ މަޝްހޫރު ޑިޒައިނަރ ރޯވިން ބްލޭޒަރއާއި ގުޅިގެންނެއެވެ. އެއީ ޑަޔާނާ ކާރު އެކްސިޑެންޓެއްގައި އަވަހާރަ ވުމުގެ 3 އަހަރު ކުރިންނެވެ.

ރޯވިންގ އެންޑް ބްލޭޒަރއިން ހާމަ ކޮށްފައިވާ ގޮތުގައި، ފަހުން ޑަޔާނާވަނީ ތަފާތު އެތައްފަހަރަކު 'ބްލެކް ޝީޕް' ޖެކެޓް ބޭނުން ކުރައްވާފައެވެ. ރޯވިން ބްލޭޒަރގެ ފަރާތުން މިގޮތަށް ހާމަކުރުމާގުޅިގެން ބައެއް މީޑިއާތަކުން ވަނީ، ޚުދު ޑަޔާނާވެސް ހުންނެވީ އެކަމަނާއަކީ އިގިރޭސި ޝާހީ އާއިލާތެރޭގައި ހުންނެވި ކަޅު ކަންބަޅިއެއްކަމުގައި އަމިއްލަފުޅަށް ގަބޫލު ކުރައްވާފައިގެން ކަމަށް ސިފަކުރަން ފަށާފައެވެ.

ޑަޔާނާ 1980 ވަނަ އަހަރު ބްލެކް ޝީޕް ޑިޒައިންގެ ޖެކެޓާއެކު

ޑާޔާނާ މީގެ 40 އަހަރުކުރިން ބޭނުންކުރެއްވި މި ޑިޒައިން މިހާރު ބާޒާރުގައި ޕްރީ-އޯޑަރކޮށް ލިބެންހުރީ 295 އެމެރިކާ ޑޮލަރަށެވެ. އަދި މި ޑިޒައިނަށް އުފެދިފައިވާ އާދަޔާ ޚިލާފު ބޮޑު ޑީމާންޑެއްގެ ސަބަބުން މި ޑިޒައިންގެ ޕްރީ އޯޑަރކޮށްވެސް މިހާރު އެންމެ އަވަހަށްވެސް ލިބެން ހުރީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހަށެވެ.

މި ޖެކެޓް ޑިޒައިންކުރި ވާމް އެންޑް ޑިޒައިންގެ ކާމިޔާބީގެ ފަހަތުގައި ތިބި ދެ އަންހެން ބޭފުޅުން ކަމުގައިވާ ޖޮނަ އޮސްބޯމް އަދި ސެލީ މުއިރު ބުނާ ގޮތުގައި ޑަޔާނާ މި ޑިޒައިން ތުރުކުރައްވާ އާންމުގެތެރެއަށް ނުކުތްވަގުތުން ފެށިގެން މި ޑިޒައިން ޑަޔާނާއާއި ޚާއްސަ ގުޅުމަކުން ގުޅިފައިވެއެވެ.

އަދި މިއަށްފަހު ތަފާތު އެތަކެއް އިވެންޓްތަކުގައި ޑަޔާނާ މި ޑިޒައިން ބޭނުން ކުރައްވާފައިވާކަމަށް ވެއެވެ. ނަތީޖާއެއްގެ ގޮތުން މި ޑިޒައިން ވަނީ މުޅި ދުނިޔެއަށް މަޝްހޫރު ވެގެން ގޮސްފައެވެ.

ޑަޔާނާ އެންމެ ފުރަތަމަ މިޑަޒައިންގެ ޖެކެޓް ތުރުކުރެއްވި އަހަރު އެކަނިވެސް، މިޑިޒައިންގެ ޖެކެޓްތައް އެމެރިކާގެ ނިއުޔޯކް ސިޓިއާއި ޖަޕާންގެ ޓޯކިޔޯ ފަދަ ސިޓީތަކުގެ މަޝްހޫރު ސްޓޯރުތަކުގައި ވިއްކާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *