އެއްބަސްވުން އުވާލާ މަސައްކަތް ހުއްޓި 8 އަހަރުވެފައިވާ ފުލުހުންގެ "ޕޮލްކޯ" ފްލެޓްތައް، 8 މަސްދުވަހުގެ މުއްދަތުގައި ނިންމުމަށް ހަވާލުކުރި ނަމަވެސް އެ ފްލެޓްތައް މިހާރު ދީފައިވާ މުއްދަތަށް ނުނިމޭނެކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ "ޕޮލްކޯ" ފްލެޓްތަކުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތައް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރީ އަމިން ކޮންސްޓްރެކްޝަނާއިއެވެ.
"ސިފްކޯ" އަދި "ޕޮލްކޯ" އިން ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިމިފައިނުވާ މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ހައުސިން މިނިސްޓްރީން ވަނީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތުގެ އަޕްޑޭޓް ދެއްވާފައެވެ.
ފްލެޓްތައް ނިމި ފުލުހުންނަށް ފްލެޓްތަކަށް ވަދެވޭނެ ސީދާ ތާރީހެއް ސާފު ކުރެއްވުމަށް ކޮމެޓީގެ މުޤައްރިރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ މިހާރު މަސައްކަތް ހަވާލުކުރި ކުންފުންޏާއި ހަވާލު ކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރި ސަބް ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށެވެ. މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިންމަން އެއްބަސްވި މުއްދަތަށްވުރެ ދެމަސް ދުވަސް ލަސްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު އެކްޗުއަލް ޕްރޮގްރެސްއަށް ބަލާފަ ދެމަސް ދުވަހުގެ ޑިލޭއެއް އުބައުޅޭ. އޭތި އެމީހުންނަށް ކެޗަޕް ނުކުރެވިއްޖިއްޔާ އެޑިލޭ އަންނާނެ ނިމޭ ހިސާބުގައި. މިމަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލައި ނިންމޭނެ ތާރީހެއް ބަލަން އެންމެ ފަސޭހަ ވާނީ އަމީން އާއި މިމަސައްކަތް ހަވާލު ކުރެވި ޕްލޭން ޕްރޮގްރެސްއާއި، އެކްޗުއަލް ޕްރޮގްރެސް ދޭތި އެއްޗާޓެއްގައި ކުރެހީމަ ފެންނާނެ ކުރަން ގަސްތު ކުރިގޮތް، ވަމުންދާ ގޮތް، ދެއާފޯ މަސައްކަތް ނިމޭނީ ކިހާތާކުތޯ.
– އަސްލަމް ވިދާޅުވިއެވެ.
ފުލުހުންގެ ފްލެޓްގެ މަޝްރޫއު ދެ ފަހަރެއްގެ މަތިން ހުއްޓި އެކި ފަރާތްތަކާ ހަވާލުކުރަން ޖެހުނު މައްސަލައާ ގުޅުވައިގެން، މި ފަހަރު މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވިދާނެތޯ ބައެއް މެމްބަރުން މިއަދު ސުވާލު ކުރެއްވިއެވެ. އެކަމަކު ފަހުން މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ނުދެއްވައެވެ.
'ސިފްކޯ' އަދި 'ޕޮލްކޯ' އިން ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިމިފައިނުވާ މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާއި ބައްދަލުކުރުން pic.twitter.com/QeDiP2HwZZ
— People's Majlis (@mvpeoplesmajlis) May 31, 2022
އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިންގ ޔުނިޓްގެ ފިނިޝިންގ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިޔުނިޓްތަކަކީ 1100 އަކަފޫޓުގެ ޔުނިޓްތަކެކެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ.
ފްލެޓްތައް ނިންމުމަށްޓަކައި ކަނޑައި އެޅިފައިވާ ތާރީހަށް ނިންމުމަށްޓަކައި ހުރި ގޮންޖެހުންތަކާއިއެކުވެސް އަމީން ކޮންސްޓްރެކްޓަރުން މަސައްކަތް ކުރަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިންނަށް ޚާއްސަކޮށްގެން 691 އެޕަރޓްމަންޓްގެ 3 ޓަވަރު އެޅުމަށް ހަވާލުކުރީ 2013ވަނަ އަހަރުއެވެ. މީގެ ޢަމަލީ މަސައްކަތް އޭގެ އަނެއް އަހަރުވަނީ ފަށާފައެވެ. ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވަނިކޮށް، މި މަސައްކަތުގެ ކޮންޓްރެކްޓަރ "ނޫމަޑި"އާއެކު ވެފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ 2016ވަނަ އަހަރުއެވެ. ފްލެޓް ލިބޭ ސިފައިންނާ ފުލުހުންގެ ލިސްޓުވެސް އޭރު އޮތީ އާއްމުކޮށްފައެވެ.
އޭގެ ފަހުން ފާއިތުވި 5 އަހަރުވެސް އެ ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ