ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާގެ އަގު 150،000ރ. އަށްއަރާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ބެނާ ބަލާ ފުލުހުންގެ މަރުކަޒުކަޒަށް ދިއުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ބެނަ ބަލާ ދިއުމުން ތިން ދުވަސް ތެރޭގައި މިކަމަށް ޖަވާބެއް ދޭނެކަމަށް ފުލުހުން ވިދާޅުވިކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ކޯޓުން ވަނީ ބެނާ ނަގާފައިވަނީ ޤާނޫނާއި ޚިލާފަށް ކުރި ކަމެއްކަމަށް ވަރަށްސާފުކޮށް ވިދާޅުވެފައިކަމަށެވެ. އަދި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި ޤާނޫނާއި ޚިލާފަށް ފުލުހުން ހިންގި އަމަލެއްކަން ހުކުމުން ސާފުވެފައިވާކަމަށެވެ.
ފުޅާކޮށް އިންޑިއާ އައުޓް ހިންގަން އަޅުގަނޑުމެންނަށް މިއޮތީ ފުރުސަތު ލިބިފަ. އަޅުގަނޑުމެން ދެން އިތުރަށް މިހަރަކާތް ފުޅާކުރާނަން. މިއީ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްދާ ހަރަކާތެއް. މިހަރަކާތް ނުހުއްޓުވޭނެ.
– އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެ ބެނާތަކަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ބެނާތަކެއް ކަމަށެވެ. އެގޮތުން ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާގެ އަގު 150،000ރ. އަށް އަދި އެހެން ބެނާތަކުގެ އަގު 75،000ރ. އަށް އަރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ހ.ދޫވެހީގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތު ކޮށެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.
އިއްޔެ މިމައްސަލާގައި ހުކުމުގައި ބަޔާންކޮށްފައި ވަނީ "އިންޑިއާ އައުޓް" ބެނާ ދެމުން ކުށަކަށް ވާގޮތާއި އެ ބެނާ ނަގަން ފުލުހުން އެންގީ ކީއްވެކަން ދައުލަތަށް ވެސް އަދި ފުލުހުންނަށް ވެސް ބުނެދެވިފައި ނުވާ ކަމަށާއި އަދި އެ ބެނާ ހަރުކޮށްފައި ހުރީ ދޫވެހީގެ ބޭރުން ހަރުކޮށްފައިވާ ދާގަނޑެއްގައި ހުރި ހޮޅިތަކެއްގައި އައްސާފައި ކަމަށްވާތީ ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެގޮތުން، ބެނާ އަކީ ރައީސް ޔާމީންގެ ގޭގެ އިމުން ބޭރުގައި ހުރި އެއްޗެއް ކަމަށާއި އެހެންވީމާ ކޯޓު އަމުރަކާ ނުލައި ވެސް ބެނާ ނަގައިގެން ފުލުހުންނަށް ގެންދެވޭނެ ކަމަށް ވެސް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށް ވެސް ހައިކޯޓުގައި ޔާމީންގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި އެއީ މި މައްސަލާގެ ތެރެއިން ގޮތެއް ނިންމޭ ވަރަށް ވުރެ ބޮޑަށް ދުސްތޫރީ މައްސަލަތަކާ ގުޅޭ ކަމެކެވެ. އެގޮތުން ކޮންމެ ހައްގަކާއެކު ގައިދުތަކެއް ވެސް އޮންނަކަން ފަނޑިޔާރު ވަނީ ފާހަގަ ކުރައްވާފައެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. ފަނޑިޔާރު ޝަފީއު ވިދާޅުވީ ފަނޑިޔާރު ޝަރީއަތް ހިންގި ގޮތް އެނގޭ ވަސީލަތަކީ ކޯޓުން ނެރުނު އަމުރު އެކަނި ކަމަށް ވުމުން އަމުރުގައި ސަބަބުތައް ބަޔާން ކޮށްދޭން ޖެހޭނެ ކަމަށެވެ.
ޝަފީއުގެ ރައުޔައަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ. އެ ރައުޔައަށް ތާއީދު ކުރައްވައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ވިދާޅުވީ އެ އަމުރުގައި ނިންމުމަށް ވާސިލްވި ސަބަބެއް އަދި ހަމައެއް ފެންނަން ނެތްކަމެވެ.
2 Responses
ޙިސާބު ދިމާވޭބާ
އަނެއްކާތިހެއްދެވީކޮންކަހަލަގެހިސާބެއް ހަމަރަގަޅުވާނެތަ މަށައްހީވަނީ އެއްސުންމަދުހެން