އެމްޑީޕީ ކޮންގްރެސް އޮގަސްޓް 19ގައި، ބަލާނީ އީސީގެ ދަފްތަރަށް

އެމްޑީޕީ ކޮންގްރެސް އޮގަސްޓް 19ގައި، ބަލާނީ އީސީގެ ދަފްތަރަށް

Author
މުޙައްމަދު ޖިމީ
30 މެއި 2022 01:07
0

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވަން ކުރިން ނިންމާފައިވާ ތާރީޚް ފަސްކޮށް، އެ ޕާޓިގެ ދަފްތަރު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރާ އެއްގޮތަށްކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށްފަހު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކޮށްފިއެވެ.

ޗެއަރޕާސަންކަމަށް އިންތިޚާބުވެވަޑައިގެންވި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލ ޗެއަރކުރެއްވި ޤައުމީ މަޖިލީހުގައި ވަނީ މައިގަނޑު ދެކަމެއް ފާސްކޮށްފައެވެ. އެއީ އެމްޑީޕީގެ ކޮންގްރެސް ބާއްވާ ތާރީޚް އޯގަސްޓް 4 އިން 19އަށް ފަސްކުރުމަށާއި، އެޕާޓިގެ ދަފްތަރުގައި ތިބި މީހުން، އިލްޝަންސް ކޮމިޝަންގެ ދަފްތަރުގައި ޖެހުމަށް ތިން މަސްދުވަހުގެ މުހުލަތެއްދީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރާ އެއްގޮތްކުރުމަށެވެ. މިގޮތުން ކޮންގްރެސްގައި ބައިވެރިވެވޭނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ދަފްތަރުގައި ޖެހޭ މީހުންނަށްކަމަށްވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.

އޯގަސްޓްމަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިޞްލާހުތައް ހުށައެޅުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެއީ ރާއްޖޭޣެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ.

ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތައް:

  • މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން.
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށް ނިންމާ ނިންމުން.
  • ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.
  • ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.
  • ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ނިންމުން
  • ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެނޑިޑޭޓަކީ ޖުމްލަ ވޯޓްގެ %30 އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެނޑިޑޭޓެއްނަމަ، އެ ކެނޑިޑޭޓަކީ މޮޅުވި ކެނޑިޑޭޓްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން. (މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެނޑިޑޭޓަކަށް %30ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެނޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެނޑިޑޭޓް އެއީ މޮޅުވި ކެނޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަނޑައެޅުން.)

ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ %51 ހޯދައިގެން މެނުވީ އިންތިޚާބެއް ނުވާނެއެވެ. މިހާތަނަށް ވަނީ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވާފައެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެންނަވަން ރައީސް ނަޝީދު ހުށައެޅުއްވިއިރު އެމަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ތަކުރާރުކޮށް ވަކާލާތުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.