ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ޝަރީއަތްތައް ކުރިއަށް ދާގޮތް އޮބްޒާވު ކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް ދޭން ކްރިމިނަލް ކޯޓުން ދީފިއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީޢަތްތައް ކޯޓުގައި ދަނީ ހިނގަމުންނެވެ. މިހާރުވެސް މިމައްސަލައިގައި 9 މީހެއްގެ ޝަރީއަތް ކޯޓުގައި ދަނީ ކުރިއަށެވެ.
I have just been informed by @CRCMaldives that @MohamedNasheed lawyers will be allowed to observe 6 May 2021 bomb trial. Tomorrow Monday 9am, pretrial motions are scheduled. @Kirsty_Brimelow
— Nazim Sattar (@nazimsat) May 29, 2022
ރައީސް ނަޝީދަށް ދިން ހަމަލާގެ ޝަރީއަތުގެ ދެ ޤަޒިއްޔާއެއް އަޑު އެހުން މާދަމާ 9:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލް ކޮށްފައެވެ. ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި އެމނިކުފާނުގެ ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ މާދަމާގެ އަޑުއެހުންތަކުން ފެށިގެން މިމައްސަލައިގެ ކޮންމެ އަޑުއެހުމަކަށްވެސް ވަކީލުންނަށް ވަނުމުގެ ހުއްދަ ކޯޓުން ދީފައިވާކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާކުރެވުނު 9 މީހުންގެ ތެރެއިން މިހާތަނަށް އެކެއްގެ ޝަރީއަތް ވަނީ ނިމިފައެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި ކަމަށް އިއުތިރާފުވި އަހުމަދު އަދުހަމް ރަޝީދުގެ ޝަރީއަތެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އެ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު މުހައްމަދު ތަސްލީމާއި، އަބްދުﷲ އަލި މަނިކުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރަށް ނިންމާލުމަށް އެމައްސަލަ ބައްލަވާ ގާޒީ ވަނީ ތާވަލުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލަތައް އުޅެނީ ކޯޓު މަރުހަލާގެ ކުރީކޮޅުގައެވެ.