އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހިގޭގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރެދިން އަމުރު ގާނޫނާއި ހިލާފު ކަމަށް ކަނޑައަޅާ އެ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
ހ. ދޫވެހީގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތު ކޮށެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލައެވެ.
ހުކުމުގައި ބަޔާންކޮށްފައި ވަނީ "އިންޑިއާ އައުޓް" ބެނާ ދެމުން ކުށަކަށް ވާގޮތާއި އެ ބެނާ ނަގަން ފުލުހުން އެންގީ ކީއްވެކަން ދައުލަތަށް ވެސް އަދި ފުލުހުންނަށް ވެސް ބުނެދެވިފައި ނުވާ ކަމަށާއި އަދި އެ ބެނާ ހަރުކޮށްފައި ހުރީ ދޫވެހީގެ ބޭރުން ހަރުކޮށްފައިވާ ދާގަނޑެއްގައި ހުރި ހޮޅިތަކެއްގައި އައްސާފައި ކަމަށްވާތީ ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެގޮތުން، ބެނާ އަކީ ރައީސް ޔާމީންގެ ގޭގެ އިމުން ބޭރުގައި ހުރި އެއްޗެއް ކަމަށާއި އެހެންވީމާ ކޯޓު އަމުރަކާ ނުލައި ވެސް ބެނާ ނަގައިގެން ފުލުހުންނަށް ގެންދެވޭނެ ކަމަށް ވެސް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށް ވެސް ހައިކޯޓުގައި ޔާމީންގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި އެއީ މި މައްސަލާގެ ތެރެއިން ގޮތެއް ނިންމޭ ވަރަށް ވުރެ ބޮޑަށް ދުސްތޫރީ މައްސަލަތަކާ ގުޅޭ ކަމެކެވެ. އެގޮތުން ކޮންމެ ހައްގަކާއެކު ގައިދުތަކެއް ވެސް އޮންނަކަން ފަނޑިޔާރު ވަނީ ފާހަގަ ކުރައްވާފައެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. ފަނޑިޔާރު ޝަފީއު ވިދާޅުވީ ފަނޑިޔާރު ޝަރީއަތް ހިންގި ގޮތް އެނގޭ ވަސީލަތަކީ ކޯޓުން ނެރުނު އަމުރު އެކަނި ކަމަށް ވުމުން އަމުރުގައި ސަބަބުތައް ބަޔާން ކޮށްދޭން ޖެހޭނެ ކަމަށެވެ.
ޝަފީއުގެ ރައުޔައަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ. އެ ރައުޔައަށް ތާއީދު ކުރައްވައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ވިދާޅުވީ އެ އަމުރުގައި ނިންމުމަށް ވާސިލްވި ސަބަބެއް އަދި ހަމައެއް ފެންނަން ނެތްކަމެވެ.
ކޮމެންޓު ފޮނުވާ