ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިންކަމަށް ބުނާ މައްސަލަ ޕޮލިހަށް

ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިންކަމަށް ބުނާ މައްސަލަ ޕޮލިހަށް

ސިޔާސީ ކެމްޕެއިން އިވެންޓެއްގައި ކުރީގެ ރައީސް ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިންކަމަށް ބުނާ މައްސަލައެއް ބަލައި ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އެއްވެސް ފަރާތަކުން ފަނޑިޔާރަކަށް ބިރު ދައްކައި، އިންޒާރު ދިނުމަކީ ކޮމިޝަނުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމަށެވެ. މިމައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީން ފަލުހުންގެ ކިބައިގައި އެދިފައިވަނީ މިދިޔަ ހަފްތާގައެވެ. މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް ޖޭއެސްސީން އަމަލު ކުރަމުންދަނީ މިގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލާގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން އެދިފައިވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަތައް ތަހުގީގް ކޮށްދެއްވުމަށެވެ. މިމައްސަލާގައި ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީގެ ކަންކަމަށް ސަމާލުވެ އަދި އަދި ރައީސް ޔާމީން ދެއްކެވި ވާހަތަކުގައި ޖިނާއީ މައްސަލައެއް ހިމެނޭނަމަ ތަހުގީގް ކޮށް ދެއްވުމަށްވެސް ޖޭއެސްސީން ވަނީ އެދިފައެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުުލުހުން ވަނީ ބުނެފައެވެ. ރައީސް ޔާމީން ފަނޑިޔާރު އަލީ ރަޝީދަށް އާމަޒުކޮށް މިފަދަ ވާހަކަތަކެއް ދައްކަވާފައިވަނީ ނިމިދިޔަ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެޖަލްސާގައި ރައީސް ޔާމީން ވަނީ، ފަނޑިޔާރު އަލީ ރަޝީދު ސްޕްރީމް ކޯޓަށް އައް އައްޔަން ކުރެވުނު ގޮތާއި، އެމަނިކުފާނުގެ ގާބިލް ކަމާއި ގުޅޭގޮތުންވެސް ސުވާލު އުފައްދަވާފައެވެ. އަދި މިފަދަ ކަކަން ރަނގަޅަށް ބެލުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ޖަލުގެ ޖާގަ އިތުރަށް ބޮޑު ކުރަންޖެހޭ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މިޖަލްސާގައި ރައީސް ޔާމީން ވަނީ ދައުލަތުގެ ސަލާމަތީ ބާރުތަކުގައި ތިއްބެވި އިސް ބައެއް ބޭފުޅުންވެސް ޖަލުތަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *