އަޑިނޭގޭ އެއްބަސްވުންތައް ހާމަނުކުރާ ނަމަ، މިސަރުކާރު އިނދަޖެހޭނެ: ޔާމީން

އަޑިނޭގޭ އެއްބަސްވުންތައް ހާމަނުކުރާ ނަމަ، މިސަރުކާރު އިނދަޖެހޭނެ: ޔާމީން

Author
މުޙައްމަދު ޝަޒައިމް
29 މެއި 2022 10:50
0

އިންޑިއާއާއިއެކު މިސަރުކާރުން ހަދާފައިވާ އަޑިނޭގޭ އެއްބަސްވުންތައް ހާމަނުކުރާނަމަ، މިސަރުކާރު އިނދަޖެހިގެންދާނެކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ ހަރަކާތަކީ ސީދާ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިހަރަކާތް އިތުރަށް ފުޅާވެފައިވަނީ ރައީސް ޔާމީން ޖަލުން މިނިވަން ވުމަށްފަހުއެވެ. މާލެއާއި އަތޮޅު ތެރޭގައިވެސް މިހަރަކާތް ވަރަށް ފުޅާކޮށް ދަނީ ކުރިއަށް ގެންދަމުންނެވެ.

އިދިކޮޅު ކޯލިޝަނުން އިންޑިއާ އައުޓް ހަރަކާތް ފެށުމުގެ ކުރިންވެސް އެންމެ ބޮޑަށް ގޮވާލަމުންދިޔައީ އިންޑިއާއާއިއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވެސްތައް ހާމަކުރުމަށެވެ. އުތުރު ތިލަފަޅު އެއްބަސްވުމާއި، އިންޑިއާއިއެކު ހަދާފައިވާ އެންމެހާ އެއްބަސްވުން ހާމަކުރުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލަފައެވެ. ނަމަވެސް މިހާތަނަށްވެސް މި އެއްބަސްވުންތަކުގެ މާބޮޑު ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަނުކޮށް ކިތަންމެ ދުވަހެއް ކުރި ކަމުގައި ވީނަމަވެސް މިކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން އުފުލާ އަޑު އުފުލުމަށް ހުއްޓުމެއް ނާންނާނެކަމަށެވެ. މިގޮތަށް އެއްބަސްވުންތައް ފޮރުވައިގެން ތިބެވޭނީ ކިހާ ދުވަހުކުތޯވެސް ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ. ކިތަންމެ ދުވަހަކަށް އިންތިޒާޒު ކުރަން ޖެހުނު ކަމުގައިވީނަމަވެސް މިކަމަކީ ސަރުކާރަށް އުދަނގޫ އަދި ގޮންޖެހުން ބޮޑު ކަމަކަށް ވެގެންދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ހަދާފައިވާ ސިއްރު އެއްބަސްވުން ހާމަކުރުމަށް އެދި މުއްސަސާތަކުގެ ފަހަތުން ރައްޔިތުންދަނީ ދުވަމުން. އަހަރެމެންނަށް މި ގޮތަށް މި ނުރަގަޅު އެއްބަސްވުން ހާމަނުކޮށް ދިގު މުއްދަތަކަށް ދެމި ތިބެވިދާނެތަ؟ މިއީ ވަރަށް އުދަނގޫ, އަދި ގިނަ ދުވަސް ހޭދަވެދާ މަސައްކަތަކަށް ވީނަމަވެސް, މީގެ ނަތީޖާއަކަށް ވެގެންދާނީ އަމާޒެއްނެތި ދަތުރު ކުރަމުންދާ މިވެރިކަން އިނދަ ޖެހިގެންދިއުން.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އެގަރާރު ނެރުއްވި ފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުން ވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފައެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައް ވެސް ނަގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.