ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ އަބިކަބަލުން އައިޝަތު ނަހުލާއަކީ ޖުމުހޫރީ ޕާޓީގެ މެމްބަރެއް ނޫންކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ނަހުލާގެ ނަން ހިމެނިފައި ނުވާކަން ޔަގީން ވުމާއި ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޙިއްސާ ކޮށްފައިވާ މައުލޫމާތު ތަކާއި ގުޅިގެން، ޖުމުހޫރީ ޕާޓީގެ ކައުންސިލްގައިވެސް ހިމެނިވަޑައިގަންނަވާ، މިނިސްޓަރު ނަހުލާގެ ނަން އޮތްތޯ އިލެކްޝްންސް ކޮމިޝަންގެ ޕޯޓަލްއިން ބެލުމުން، ނަހުލާގެ މައުލޫމާތު އަންނަނީ އެއްވެސް ޕާޓީއަކަށް ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތެއްގެ ގޮތުގައެވެ.

މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު ކަމުގެ މަގާމްވެސް ފުރުއްވަމުން ގެންދަވާ، ނަހުލާގެ ނަން ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ނެތްނަމަވެސް، ރައީސް ސާލިހުގެ ކެބިނެޓްގެ ވަޒީރުކަމުގައި އޭނާ އިންނަވަނީ ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައިކަން ފާހަގަ ކޮށްލެވެއެވެ. އަދި ނަހުލާ ގެންދަވަނީ، ދިގު މުއްދަތެއް ވަންދެން ޖުމުހޫރީ ޕާޓީގެ ކައުންސިލްގައިވެސް އިންނަވަމުންނެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެއް އަނބި ކަނބަލުން ކަމުގައިވާ އައިޝަތު ނަހުލާގެ ނަން އެޕާޓީގެ ދަފްތަރުގައި ނެތް ސަބަބު އަދި ސާފު ކުރެވިފައެއް ނުވެއެވެ. އެހެންނަނަމަވެސް، އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުންނަށް ނޭގި ބަދަލު ކުރުމާއި، އަދި ވަގަށް މީހުން ޕާޓީތަކަށް ވައްދަކުން ދާކަމުގެ ތުހުމަތު ބައެއް ޕާޓީތަކުން ފަހަކަށް އައިސް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ ކޮށްފައެވެ.
އަދި އިލެކްޝަންސް ކޮމިޝަންގައި އޮތް ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދަށް ޕާޓީތަކުން ދައުލަތުގެ މާލިއްޔަތުން ގިނަ އަދަދެއްގެ ފައިސާ ނަގަންމުން ދާއިރު، އިލެކްޝަންސްގެ ކޮމިޝަނުގައި އޮތް ޕާޓީތަކުގެ ދަފްތަރަކީ ސައްޚަ ދަފްތަރެއް ނޫންކަމުގެ ޝަކުވާވެސް ގިނަ ބަޔަކު ކުރަމުން ދެއެވެ.
ޖުމުހޫރީ ޕާޓީއަކީ 10،000 މެމްބަރުން ހަމަކޮށް، ދައުލަތުން މާލިއްޔަތުން ފައިސާ ލިބެމުންދާ ޕާޓީއެކެވެ. މިގޮތުން އިލެކްޝްންސް ކޮމިޝަންގެ ވެބްސައިޓުގައި ވާގޮތުން ޖުމުހޫރީ ޕާޓީގައި މިވަގުތު 20،139 މެމްބަރުން އެބަ ތިއްބެވެ. އަދި އެޕާޓީއަށް މިއަހަރު ވަނީ ބަޖެޓުން 5.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
އެހެންނަމަވެސް އެ ޕާޓީ ފާހަގަ ވެގެންދަނީ، ރިޔާސީ އިންތިޚާބާއި ގާތްވުމުން މެނުވީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގާ ޕާޓީއެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ