އެމްޑަބްލިޔުއެސްސީގެ ތާރީހުގައިވެސް އެއްފަހަރާ އެންމެ ގިނައިން ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގީ މިއަހަރުކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
އެކުންފުނީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކޮރްސްރޯޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވަނީ ކުންފުނީގެ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރު ފެށި މަޝްރޫއުތަކާއެކު މިހާރު ޖުމްލަ 31 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާކަމަށެވެ. އޭގެ ތެރެއިން ހަތަރު މަޝްރޫއެއް ނިމިފައިވާކަމަށާއި މިއަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއްގެ މަސައްކަތް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް ޝާހު ވިދާޅުވިއެވެ.
ޝާހުގެ ވާހަކަފުޅުގައި މީގެ 27 އަހަރުކުރިން އެމްޑަބްލިޔުއެސްސީ އުފެއްދީ ހަމައެކަނި މާލެއަށް ޚިދުމަތް ދިނުމަށް ކަމަށެވެ. ނަމަވެސް އެކަން ބަދަލުވެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާއަކީ މިހާރު އެ ކުންފުންޏަކީ ގްރޭޓާ މާލޭ ސަރަހައްދަުގެ އިތުރަށްވެސް އަތޮޅުތެރޭގައި އެކުންފުނިން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
މި 2022 ވަނަ އަހަރަކީ އެމްޑަބްލިޔުއެސްސީގެ މުޅި ހަޔާތުގައި ވެސް އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރު.
– އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ
ޝާހުގެ ވާހަކަފުޅުގައި ކޮވިޑް 19ގެ ސަބަބުން ގޮންޖެހުންތަކާއެކުވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ފެނާއި ނަރުދަމާގެ ޚިދުމަތް މެދު ނުކެނޑި ފޯރުކޮށްދިނުމަށް ކުރި މަސައްކަތަކީ އެންމެ ބޮޑު ކާމާޔާބީކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝާހު ވިދާޅުވީ މާލޭގެ ފެނުގެ ސްޓޯރޭޖް ފުޅާކުރުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް މަސައްކަތެއްކަމަށެވެ. މި މަސައްކަތް ކުރުމަށްޓަކައި 2020 ވަނަ އަހަރު ސަރުކާރުން ބިމެއް ހަމަޖައްސާދިފައިވާކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ އެ ބިމުގައި 13000 ކިއުބިކް މީޓަރަށް ވުރެ ބޮޑު ތެ ތާނގި ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރަށް މާލޭގެ ނަރުދަމާ ނިޒާމަކީ އަންދާޒާ ކުރިވަރަށްވުރެ މާ ބޯޑު ލޯޑެއް އުފުލަން ޖެހިފައިވާ ނިޒާމެއްކަމަށާއި އަޅާފައިވާ ނަރުދަމާ ހޮޅިތައް ސާފުކޮށް އެކަމަށް ލުޔެއް ހޯދަމުން އަންނަކަމަށް ޝާހް ވިދާޅުވިއެވެ. އަދި 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މާލޭގެ ހުރިހާ ފެން މީޓަރުތަކެއް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ޝާހު ވިދާޅުވިއެވެ.
އެންމެ ގިނަ ފެނާއި ނަރުދަމާގެ މަޝްރޫޢު އެމްޑަބްލިއުއެސްސީއާއި ސަރުކާރުން ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، ސަރުކާރުން އަމާޒުކޮށްފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކޮށް ނިންމާލުމަށެވެ.
ކޮމެންޓު ފޮނުވާ