ގަވަރުނަރުގެ އިންޒާރާއެކު ރިސޯޓްތަކުގެ ބިމު ކުލި ކުޑަނުކުރަން ނިންމައިފި

ގަވަރުނަރުގެ އިންޒާރާއެކު ރިސޯޓްތަކުގެ ބިމު ކުލި ކުޑަނުކުރަން ނިންމައިފި

Author
މުޙައްމަދު ޖިމީ
25 މެއި 2022 07:25
0

ގަވަރުނަރުގެ އިންޒާރާއެކު ރާއްޖޭގެ އިޤްތިޞަދީ ހާލަތަށް ރިޔާއަތްކޮށް ރިސޯޓްތަކުގެ ބިމުކުލި ކުޑަނުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ޤާނޫނަށް ގެނައުމަށް ހުށައަޅާފައިވާ އިޞްލާހުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސޯޓު ބިމު ކުލިން ނަގާ ކުލި ކުޑަކުރުމަށް ވަނީ ހުށައަޅަފައެވެ. އެ އިޞްލާހާއި ގުޅޭގޮތުން ޚިޔާލު ހޯއްދެވުމަށް ބޭއްވި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ބަދަލުތަކެއް އަންނަމަުންދާއިރު މިފަދަ ވަގުތެއްގައި ރާއްޖޭގެ އާމްދަނީއަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރުމަކީ ރަނގަޅު ކަމެއްނޫންކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު އެ އިންޒާރު ދެއްވާފައިވަނިކޮށް ދައުލަތުގެ މިހާރުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލުކުރުމަށް ނުފެންނަކަމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާފަދަ އެތައް ކަމެއް މިދަނީ ކުރިމަތިވަމުންދާއިރު މިފަދަ ކަންކަމުން ދިވެހިރާއްޖޭގެ ފިސްކަލް ރާސްތާއަށްވެސް އޭގެ އަސަރުކޮށް، ދައުލަތުން 2022 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތާ ތަފާތުވަމުންދާކަމަށް ސަރުކާރުން ބުންޏެވެ. ޚާއްޞަކޮށް ރަޝިޔާއާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ނޭދެވޭ އަސަރު ދައުލަތަށް ދަނީ ކުރަމުންނެވެ.

މިގޮތުން ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ޚަރަދުކުރާ މިންވަރު މިއަހަރުގެ ބަޖެޓްގައި އަންދާޒާ ކުރިވަރަށްވުރެ ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވާކަމަށް ސަރުކާރުން ބުނެއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި، ދައުލަތަށް ލިބެމުންދާ އާމްދަނީއަކަށް ހުރަސް އެޅިދާނެފަދަ އެއްވެސް ފިޔަވަޅެއް އެޅޭކަށް ނޯންނާނެކަމަށާއި އެގޮތުން ދައުލަތުގެ މިހާރުގެ ފިސްކަލް ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލު ނުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމަވާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީރިސޯޓުތަކުގެ ކުލި ކުޑަ ކުރަން ނިންމީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިންކަމަށާއި، އޭރު ރާއްޖޭގެ އިގްތިސާދުވެސް ދިޔައީ ވަރަށް ބާރަށް ކުރިއަރަމުންކަމަށެވެ. ނަމަވެސް އެ ނިންމުން އަނބުރާ ގެންދިޔައީ، ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތަކެތީގެ އަގުތައްވެސް ބޮޑުވަމުންދާތީ އެކަންކަމަށް ރިޔާއަތްކުރުމަށްފަހުކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެއިތުރުން، ރަޝިޔާ އާއި ޔޫކްރެއިނަކީވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު ދެ މާކެޓަށް ވާއިރު، އެ ދެ ގައުމުން ފަތުރުވެރިން އައުން ވެސް ވަރަށް ބޮޑުތަނުން މަދުވެފައިވާކަން ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ބުނެފައިވަނީ ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބޭ ސިނާއަތަކީ ފަތުރުވެރިކަންކަމަށާއި އެސިނާއަތާ އެއްވަރަށް ކުރިއަރާފަދަ އެހެން ސިނާއަތެއް މިވަގުތު ރާއްޖޭގައި ނެތްކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ފިކްސްޑް އަމްދަނީ ލިބޭނެގޮތަށް ހަމަ އަގުގައި ކުލި ނެގުން މުހިންމުކަމަށް ސަރުކާރުން ބުންޏެވެ.

ގަވަރުނަރުވަނީ މިހާރު ސްރީ ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން މިސާލު ނަންގަވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިފަދަ ދަނޑިވަޅެއްގައި އާމްދަނީއަށް އަސަރުކުރާފަދަ ކަމެއް ކުރުމަކީ ސްރީ ލަންކާއަށް ކުރިމަތިވި ހާލަތު ދިމާވުން ގާތްކަމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި މިފަދަ ބިލަކާއެކު އާމްދަނިއަށް ބަދަލު އަންނަނާނެ ގޮތުގެ ތަފްސީލީ އެނަލިސިސްއެއް ހެދުން މުހިންމުކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ރިސޯޓު ކުލީގެ ގޮތުގައި މީގެ ކުރިން ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅުން ރިސޯޓު ހަދަން 200،000 އަކަމީޓަރަށް ވުރެ ކުދި ބިންތަކުގައި އަކަމީޓަރަކަށް ނަގަނީ އަށް ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަގުތަކެވެ. އެހެން ނަމަވެސް އެ އަދަދު މިހާރު ވަނީ ހަ ޑޮލަރާއި 750،000 ޑޮލަރާ ދެމެދުގެ އަަގެކެވެ. އޭގެ އިތުރުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ކުޑަ ބިންތަކުގައި އަހަރަކަށް 1.5 މިލިއަން ޑޮލަރު ކުރިން ނެގި ނަމަވެސް އެ އަދަދު ވަނީ 1.1 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ. އަދި ހަތަރު ލައްކަ ޑޮލަރަށް ވުރެ އަގު ބޮޑެތި ބިންތަކަށް އަހަރަކަށް ދެ މިލިއަން ޑޮލަރު ނެގިއިރު އެ އަދަދު ވަނީ 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ސާބަސް ގަވަރުނަރަށް