ރާއްޖޭގައި މިއޮތީ އިންތިޚާބުތައް ގިނަ، ޚަރަދު ބޮޑު ނިޒާމެއް! ހައްލު ހޯދަންޖެހިފައިވާ ބޮޑު މައްސަލައެއް!

ރާއްޖޭގައި މިއޮތީ އިންތިޚާބުތައް ގިނަ، ޚަރަދު ބޮޑު ނިޒާމެއް! ހައްލު ހޯދަންޖެހިފައިވާ ބޮޑު މައްސަލައެއް!

އާގާނޫނު އަސާސީން ދިވެހިރާއްޖެ ބަލައިގެންފައިވާ ޑޮމިކްރަޓިކް ނިޒާމުގައި އެކަށައަޅާދީފައިވާ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރުމެވެ. އަދި މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައިވެސް މިއުސޫލާއި ހަމަ އެކަށައެޅިފައި އޮތް ގޮތްވެސް މެއެވެ.

ހަމަ އެއާއެކު، ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރެވޭ ގޮތަށް އޮތް ކަމުގައިވި ނަމަވެސް، އާންމު ވޯޓުން މަންދޫބުން އިންތިޚާބު ކުރުމަށް އެކަށައަޅާފައި ހުރި އުސޫލުތަކަކީ ހުރިހާ ގައުމެއްގައި އެއްގޮތަކަށް ހުރި އުސޫލުތަކެއް ނޫނެވެ. އެކި ގައުމުތަކުގައި މި އުސޫލުތައް އެކަށައެޅިގައި ހުރީ އެކި ގޮތަށެވެ. އެއީ، މިގޮތުން އެކަށައަޅާ އުސޫލުތަކާއި، ބަލައިގަންނަ ސިސްޓަމަކީ އެމުޖަތަމަޢަކަށް އެންމެ އެކަށޭނޭ، އަދި މާލީ ގޮތުންނާއި ބެހެލެއްޓުމުގެ ގޮތުންވެސް ގެންގުޅޭވޭނެ ވަރުގެ ނިޒާމެއްކަން ޔަގީން ކުރުމާވެސް އެކުއެވެ.

އެހެންނަމަވެސް، ރާއްޖެ ޑިމޮކްރަސީއަށް ހުޅުވާލެވި، ވޯޓުލައިގެން ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރުމުގެ ވިސްނުމުގެ ތެރެއިން ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ގާނޫނުތަކަށް ގެނެވިފައިވާ ބަދަލުތަކަށް ރަގަޅަށް ނަޒަރެއް ހިންގާލާއިރު ފެންނާން އޮތީ މިދެންނެވުނު ވިސްނުމާއި އެއްގޮތަށް ގެނެވުނު ބަދަލުތަކަކީ، ޑިމޮކްރަސީގެ ނަމުގައި ގެނެވިފައިވާ، އެހެންނަމަވެސް ގައުމަށް ނުކަތާވަރުގެ ބަދަލުތަކެއްގެ ގޮތުގައި މިއަދު ފެންނާން އޮތްތަނެވެ.

މިގޮތުން އެއީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކަމުގައިވި ނަމަވެސް، ކައުންސިލްތަކާއި އަދި އެނެމް ފަހުން ތައާރަފްކުރެވުނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރުން ކަމުގައިވި ނަމަވެސް، މިހަގީގަތް އޮތީ މިގޮތުގައެވެ. އެކަށައެޅިފައި އޮތް ނިޒާމަށް ހެޔޮ ބަދަލުތަކެއްގެ ނަމުގައި ނެގެސްފައިވަނީ، ކުރާންޖެހޭ މަސައްކަތާއި ވަގުތާއި ހޭދަތައްވެސް އެތައް ގުނައަކުން ބޮޑު ވާގޮތަށް ބައްޓަން ކުރެވިފައިހިރި ބަދަލުތަކެވެ.

މިހާރު ގާނޫނުތައް ހުރިގޮތުން ރާއްޖޭގައި ބޭއްވޫ ހުރިހާ އާންމު އިންތިޚާބުތަކެއްވެސް ހިންގާ ބާއްވަންޖެހޭ އިލެކްޝަންސް ކޮމިޝަނުން

އޭގެ ނަތީޖާއެއްގެ ގޮތުން، އިލެކްޝަންސް ކޮމިޝަނުން ތާއަބަދު އުޅޭން ޖެހިފައި މިއޮތީ ކުދިކުދި ބައި އިލެކްޝަންތައް ބޭއްވުމުގައެވެ. ދައުލަތާއި އަދި ސިޔާސީ ޕާޓީތަކުންވެސް ތާއަބަދު އުޅޭން ޖެހިފައި މިއޮންނަނީ މި އިންތިޚާބުތަކަށް ކުރާން ޖެހިފައި އޮންނަ ޚަރަދުގެ ބޮޑު ބުރަ އުފުލުމުގައެވެ.

 

އިންތިޚާބުތައް ވަރަށް ގިނަ! ކުރާންޖެހޭ ޚަރަދު އެހާމެ ބޮޑު!

އާންމު އޮފީސްތަކަށް، ނުވަތަ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ މަގާމްތަކަށް މަންދޫބުން އައްޔަން ކުރުމުގައި ބާއްވަންޖެހޭ އިންތިޚާބުތައް ރާއްޖޭގައި ތަރުތީބު ކުރެވިފައިވަނީ އެންމެ ރަގަޅު އުސޫލުން ނޫންކަން މިއީ އިލެކްޝްސް ކޮމިޝަނުގެވެސް މެދު ކެނޑުމެއް ނެތް ޝަކުވާއެކެވެ.

މިއިންތިޚާބުތަކުގެ ތެރޭގައި ރާއްޖޭގައި ބޭއްވޭ ހުރިހާ އިންތިޚާބުތަކާއި ގުޅުންހުރި ޝަކުވާތައްވެސް ހިމެނެއެވެ. އޭގެ އެއް މިސާލަކީ ކޮންމެ 5 އަހަރަކުން އެއް ފަހަރު ބޭއްވެމުން އަންނަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބެވެ. ރާއްޖޭގައި ބޭއްވޭ އެއްމެ ވާދަވެރި އަދި އެންމެ ބޮޑު ދެއިންތިޚާބު ކަމުގައިވާ މި އިންތިޚާބުތައް ބާއްބަންޖެހޭ ގޮތް ގާނޫނުގައި ބަޔާން ކޮށްފައިހުރީ، ކޮންމެ ރިޔާސީ އިންތިޚާބެއް ނިމޭތާ 6 މަސްފަހުން މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭ ގޮތަށެވެ.

އޭގެ މާނައަކީ، ކޮންމެ ރިޔާސީ އިންތިޚާބަކަށް ދައުލަތުގެ މާލިއްޔަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރުމަށްފަހު، އޭގެ 6 މަސްފަހުން ހަމަ އެމިންވަރަށް ނުވަތައް އެއަށްވުރެވެސް ބޮޑު ޚަރަދެއް ޖެހިގެން އަންނަ މަޖިލިސް އިންތިޚާބަށް ދައުލަތުގެ މާލިއްޔަތުން އޮންނަނީ ކުރާން ޖެހިފައެވެ. އަދި އެންމެ ފަހުން ބޭއްވިގެންދިޔަ ކައުންސިލް އިންތިޚާބު ބޭއްވިގެން ދިޔައީ 2021ވަނަ އަހަރުގެ އެޕްރިލް މަހުގައި ކަމަށް ވުމާއެކު، މީގެ 5 އަހަރު ފަހުން އާ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކާ ބާއްވަންޖެހޭ އިންތިޚަބުތައް ދެން ބާއްވަން ޖެހޭނީ 2026 ވަނަ އަހަރުއެވެ.

އެހެންކަމުން މި 3 އިންތިޚާބު ތަރުތީބު ވެގެން ދާގޮތުން، 2024 ވަނަ އަހަރު ރިޔާސީ އިންތިޚާބު އޮވެފަ، ޖެހިގެން އަންނަ 2025 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮވެފަ، އަދި ޖެހިގެން އަންނަ 2026 ވަނަ އަހަރު ހުރިހާ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކާ ބާއްވަންޖެހޭ ކައުންސިލް އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނަށް ޚަރަދުގެ ގޮތުން މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑބްލިއުޑީސީގެ ބައި އިލެކްކްޝަންތައް މެދު ނުކެނޑި ބާއްވަންޖެހުން

މިއިން ކޮންމެ އިންތިޚާބަކީވެސް ހަމަ އެއް ޚަރަދުތަކެއް ދައުލަތުގެ މާލިއްޔަތުން ތަކުރާރު ކުރާންޖެހޭ އިންތިޚާބުތަކެވެ. އޭގެ ބަދަލުގައި މިއިންތިޚާބުތައް ބާއްވަން ޖެހޭ ތާރީޚުތައް އެއް ދުވަސްވަރަކާއި ދިމާވާގޮތަށް ގާނޫނުތަކަށް ބަދަލު ގެނެވިއްޖެނަމަ، ރާއްޖެ ބަލައިގެންފަ އޮތް ޑިމޮކްރަޓިކް މިނިޒާމުގެ ތެރޭގައި އިންތިޚާބުތަކަށް ކުރާންޖެހޭ ޚަރަދުތައް ބޮޑުތަކުން ކުޑަވެ، އަދި މަސައްކަތާއި އެހެނިގެން ގޮތްގޮތުންވެސް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހަމަ އެފަދައިން، މި ސަރުކާރު ވެރިކަމަށް އައިސް ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިޚާބުކުމަށް ބާއްވާންޖެހިފައިވާ އިންތިޚާބުތަކާއި، އަދި މެދުނުކެނޑި ބައްވަން ޖެހޭ ބައި އިލެކްޝަންތަކުގެ ބުރަ ބޮޑު ކަމުގެ ވާހަކަ ތަކާއި އަދި މިއީ ހައްލު ހޯދަންޖެހިފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުންވެސް މިވަނީ ފާހަގަ ކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުތަކުގައި ދިމާވާ ދަތިތަކާއި އެ ކޮމެޓީގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ ޑަބްލިއުޑީސީތަކުގައި މަސައްކަތްކުރާ ތިނެއް ނުވަތަ ހަތަރު މެމްބަރުން ކޮންމެ މަހަކު ވެސް އިސްތިއުފާދޭ ކަމަށެވެ. އަދި މިއިން ކޮންމެ ފަހަރަކު ވެސް ބައި އިލެކްޝަނަކަށް 150،000ރ. ހަރަދުވާ ކަމަށް ވިދާޅުވެ، ފުއާދު ވިދާޅުވީ އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް މި އަހަރުގެ މިހާތަނަށް އެ ކޮމިޝަނުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމުގައެވެ. އެހެންނަމަވެސް އިންތިހާބުތައް ބޭއްވުމަށް މި އަހަރުގެ ބަޖެޓުގައި އެ ކޮމިޝަނަށް ދީފައި ވަނީ އެންމެ 1.5 މިލިއަން ރުފިޔާ އެވެ.

އިލެކްޝްންސް ކޮމިޝަނުން ހާމަކޮށްފައި ވާގޮތުގައި، މިދިޔަ އަހަރު އެކޮމިޝަނުން ވަނީ އަންހެނުންގެ ކޮމެޓީތަކުގެ 11 ބައި އިލެކްޝަން ބާއްވައިފަ އެވެ. މި އަހަރު މިހާތަނަށް އެކަނި ވެސް 10 ބައި އިލެކްޝަން ބާއްވާފައިވާއިރު، އަންނަ މަހު ފަސް 5 ބައި އިލެކްޝަނެއް ބޭއްވުމަށް ކޮމިޝަނުން މިހާރުވެސް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އޭގެ އިތުރަށް، އިތުރު 3 ބައި އިލެކްޝަންނެއްވެސް މިހާރު ވަނީ ބާއްވަން ޖެހިފައެވެ.

 

ހައްލެއް ބޭނުން!

ވަކީން ޚާއްސަކޮށް، ގިނަ ގިނައިން ބާއްވަން ޖެހިގައިވާ ޑަބްލިއުޑީސީގެ ބައި އިލެކްޝްނަތަކުގެ މާލީ ބުރަ ބޮޑުވެ، އެލްޖީއޭއިން މިހާރު ހުށަހަޅާފައިވަނީ، މިއިންތިޚާބުތައް ބޭއްވުމުގެ ޒިންމާތައް އަތޮޅު ކައުންސިލްތަކާއި ހަވާލު ކުރުމަށެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އިންތިޚާބުތައް ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަނުން ކުރާންޖެހޭ ހޭދަތައް ކުޑަކުރުމެވެ.

އެލްޖީއޭއިންވެސް އަދި އިލެކްޝަންސް ކޮމިޝަނުންވެސް މިހާރު ހުށަހަޅާފައިވަނީ ޑަބްލިއުޑީސީގެ އިންތިޚާބުތައް ބޭއްވުމުގެ ޒިންމާ އަތޮޅު ކައުންސިލްތަކާއި ހަވާލު ކުރުމަށް

އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެއްކަމަކީ، ރާއްޖޭގައި އިންތިޚާބުތައް ގިނަކަމާއި، ބާއްވާންޖެހޭ ބައި އިލެކްޝަންތަކުގެ އަދަދުގެ ގިނަ ކަމާއި، އަދި މިއިންތިޚާބުތައް ބާއްވާންޖެހޭ ގޮތް ތަރުތީބު ކުރެވިފައިވަނީ އެންމެ ރަގަަޅަށް ނޫންކަމެވެ. އަދި މިއީ ޖުމްލަ ހައްލެއް ހޯދާން ޖެހިފައިވާ ވަރަށްވެސް ބޮޑު މައްސަލައެއްކަމެވެ.

އެހެންކަމުން ހަމައެކަނި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކައުންސިލްތަކުގެ އިންތިޚާބުތައް ބޭއްވުން އަތޮޅު ކައުސިލްގެ ޒިންމާގައި ހިމެނުމުގެ ބަދަލުގައި، އެއް ދުވަސްވަރެއްގައި އިންތިޚާބުތައް ބާއްވަން ޖެހޭގޮތަށް ގާނޫނުތަކަށް ބަދަލު ގެނެވެން އެބަޖެހެއެވެ. ޖޯގްރަފީގޮތުން ވަކިވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި އޮންނަ އޮތުމުގެ ސަބަބަނުން ކުރިމަތިވާ ގޮންޖެހުންތަކާއެކު، އިންތިޚާބުތައް ބޭއްވުމުގައި ދައުލަތުގެ ބަޖެޓުން ކުރާންޖެހިފައިވާ ބޮޑެތި ހޭދަތަކަށް ހައްލެއް ހޯދޭނެ މިނޫން ވަކީން ރަގަޅު ގޮތެއް އޮތްކަމުގައި ފެންނާކަށް ނެތެވެ. މިއީ، ކުދި ކުދި ބަދަލުތައް ގާނޫނުތަކަށް ގެނައުމުގެ ބަދަލުގައި، ވަށައިޖެހޭ ހައްލެއް ހޯދާން ޖެހިފައިވާ ވަރަށް ބޮޑު މައްސަލައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *