އެމްއެންޕީގެ ވައިސް ޕްރެޒިޑެންޓް އޯވަރސީސްގެ މަގާމަށް ދުންޔާ ވާދަކުރައްވަން ނިންމައިފި

އެމްއެންޕީގެ ވައިސް ޕްރެޒިޑެންޓް އޯވަރސީސްގެ މަގާމަށް ދުންޔާ ވާދަކުރައްވަން ނިންމައިފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ވައިސް ޕްރެޒިޑެންޓް އޯވަރސީސްގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ކުރިމަތިލައްވަން ނިންމަވައިފިއެވެ.

އަންނަ ޖުލައި މަހު އޮންނަ އެމްއެންޕީގެ އެތެރޭގެ އިންތިޚާބުގައި ދުންޔާ ވާދަކުރައްވަން ނިންމަވާފައިވާ އެމްއެންޕީގެ ވައިސް ޕްރެޒިޑެންޓް އޯވަރސީސްގެ މަގާމަކީ އެ ޕާޓީގެ ނައިބުރައީސުންގެ ތެރެއިން އަންހެނުންނަށް ހާސަކޮށްފައިވާ މަގާމެކެވެ.

ދުންޔާ އަކީ މިހާރުވެސް އެ ޕާޓީގެ އަންހެނުންގެ ވިންގްގެ ލީޑަރުގެ ހައިސިއްޔަތުން އެގްޒެކެޓިވް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ.

މިކަމާ ގުޅޭގޮތުން ޚަބަރު އޮންލައިނާ ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ އެމްއެންޕީއަކީ ދިވެހި ރައްޔިތުންނަށް މުސްތަގްބަލުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދޭނެ ޕާޓީއަކަށް ވެގެންދާނެކަމަށެވެ. އަދި ޚާރިޖީ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އެހީގައި ޕާޓީގެ ތެރެއިން ގިނަ ޚިދުމަތްތަކެއް ކޮށްދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ދުންޔާ ވިދާޅުވިއެވެ.

އެމްއެންޕީގެ ސިޔާސީ ހަރަކާތެއްގައި ދުންޔާ ބައިވެރިވެވަޑައިގަންނަވަނީ

ދުންޔާއަކީ ރާއްޖޭގައި ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރައްވާ ބޭކަނބަލެއްގެ އިތުރުން ރާއްޖޭގައި މިހާތަނަށް ޚާރިޖީ ވަޒީރުކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާވެސް މެއެވެ.

އެކަމަނާ ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްހަރު އެންމެ ހަލަބޮލިވީ އެއް ދުވަސްވަރުގައެވެ. އެގޮތުން 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމާއެކު އުފެދުނު ރައީސް މުޙައްމަދު ވާހީދުގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ދުންޔާ ކުރެއްވީ ބައިނަލްއަގްވާމީ އެކިއެކި ފިއްތުންތަށް ރާއްޖެއަށް އެންމެބޮޑަށް ކުރިމަތިވީ އެއް ދުވަސްވަރުގައެވެ.

އެމްއެންޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީގައި ޖުމްލަ 6 ނައިބު ރައީސުން ތިއްބަވާނެއެވެ. އެއީ މުޅި ރާއްޖެ ބަހާލެވިފައިވާ 5 ދާއިރާއަށް 5 ނާއިބު ރައީސުންނާއި ޕާޓީގެ ގައުމީ ޖަލްސާއިން އިންތިޚާބުކުރާ ނައިބު ރައީސެކެވެ. އެއީ އަސާސީ ގަވާއިދުގައި އަންހެން ބޭފުޅަކަށް ހާއްސަކުރެވިފައިވާ މަގާމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *