ޝަހުބާންގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށައަޅައިފި

ޝަހުބާންގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
22 މެއި 2022 08:51
0

މަނީ ލޯންޑަރިންގެ ތުހުމަތުކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށައަޅައިފިއެވެ.

މި މައްސަލަ ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްއެވެ. އޭނާ ވިދާޅުވީ، މުޖުތަމައު ގަބޫލުކުރާ މިންގަނޑު އަބުރުވެރި އަދި އަހުލާގު ރަނގަޅު މީހެއް ކަމަށް ވުމަކީ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެ ސިފއާއި ޝަހުބާން ޚިލާފުވެފައިވާކަމަށް ޤަބޫލުކުރެވޭކަމަށް އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން ޤާނޫނުގައި ބުނާ މިންގަނޑުތައް ނުފެތޭތީ އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށައެޅީކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ، މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއްކަމަށެވެ. އަދި ގާނޫނުގަ ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއްކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާކަމުގެ ތުހުމަތު ފުލުހުން ކުރެއެވެ. އެފައިސާ ލޯންޑަރކޮށްފައިވާކަމުގެ ތުހުމަތު ޝަހުބާންގެ އިތުރުން، އޭނާގެ ބޭބެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށްވެސް ކުރެއެވެ.

ޝަހުބާންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރުވެސް މަޤާމުގައި ހުންނެވުމުން ބައެއް ނޫސް އެޖެންސީތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.