ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަކޮށްލަން 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗު ގޮއްވާލައިގެން ދިން ހާދިސާ މި ސަރުކާރުން ތަހުގީގު ނުކުރަން މިސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން ހަމަލާ ދިނީ އެމަނިކުފާނު 2015 ވަނަ އަހަރު ހައްޖަށް ވަޑައިގަތުމަށް ފަހު މާލެ ވަޑައިގަތް "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި ހަށި ފާރަވެރިންނަށް އެކި ޒަހަމުތައް ލިބިވަޑައިގެންނެވިއެވެ. އެ މައްސަލައިގައި އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 15 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް އެ ހުކުމް މިހާރު ވަނީ ބާތިލްކޮށްފައެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ހުރިހާ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭނުން ކުރަމުން އަންނަ ސަބަބު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.
ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ހަދާފައި މި އޮތް އެގްރީމަންޓުގައި އެންމެ ބޮޑު ކަމަކަށް މި އޮންނަނީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލަ މި ސަރުކާރު ދެމި އޮތްހާ ހިނދަކު ތަހުގީގު ނުކުރަން ޝަރުތުކޮށްފައި.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ދައުލަތުން އެ މައްސަލަ ނުބަލާ ދޫކޮށްލުން އެއީ ދައުލަތަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި އެއީ އެ ހާދިސާގައި "ގެއްލުން ލިބުނު މީހުންގެ ހައްގެއް" ކަމަށެވެ. އަދި ގާނޫނުގައި ފުލުހުން ތަހުގީގުކޮށްފައި ނޫނީ ޕީޖީން ތަހުގީގު ނުކުރެވޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ޔާމީން ވަނީ ސުޕްރީމް ކޯޓުން އެ ތަހުގީގު އަލުން ބަލަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.
އަޅުގަނޑާ ދެކޮޅަށް ހުރިހާ ހެކިބަހެއް ދޭން އަހުމަދު އަދީބު ބޭނުން ކުރަން ޖެހޭ ސަބަބެއް އޮންނަންވާނެ ދެއްތޯ. ދައުލަތުން އަހުމަދު އަދީބާއެކު ހަދާފައި މި އޮއް އެގްރީމަންޓްގައި އެންމެ ބޮޑު ކަމަކަށް މި އޮންނަނީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލަ މި ސަރުކާރު ދެމި އޮތްހާ ހިނދަކު ތަހުގީގު ނުކުރަން ޝަރުތުކޮށްފައި.
– ރައީސް ޔާމީން ވިދާޅުވިއެވެ.
މި މައްސަލާގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މުއާޒު އަލީ ބޭނުން ކުރައްވަނީ ހަތިޔާރަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލާގައި މުއާޒު މިހާރު ދައްކަވަނީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އަދީބުގެ އިތުރުން ފިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރުގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. އެ ދެމީހުންގެ މައްޗަށް އިއްވާފައިވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.