ޑޯޓްމަންޑްގެ ކޯޗުގެ މަޤާމުން މާކޯ ރޯސް ވަކިކޮށްފި

ޑޯޓްމަންޑްގެ ކޯޗުގެ މަޤާމުން މާކޯ ރޯސް ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 މެއި 2022 02:31
0

ބޮރޫޝިއާ ޑޯޓްމުންޑުގެ ކޯޗުގެ މަގާމުން މާކޯ ރޯސް ވަކިކޮށްފިއެވެ.

ޑޯޓްމުންޑްއިން އޭނާ ވަކިކޮށްފައިމިވަނީ އެންމެ ސީޒަނަކަށްފަހުއެވެ. ރޯސް ޑޯޓްމުންޑްގެ ކޯޗްކަމާއި ހަވާލުވެފައިވަނީ މިސީޒަން ފެށުނުއިރު ބޮރޫޝިއާ މޮންޗެންގްލަޑްބަކުންނެވެ. އަދި މިސީޒަންގައި އޭނާވަނީ ޑޯޓްމުންޑްއަށް ޖަރުމަން ލީގުގެ ދެވަނަ މަގާމް ހޯދާދީފައެވެ. އެކަމަކު އެއްވަނައަށް ދިޔަ ބަޔާން މިޔުނިކާއި ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އޮތެވެ.

މީގެއިތުރުން މި ސީޒަންގައި ޑޯޓްމުންޑަށް ޔުއެފާޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައިވެސް މާއެދެވޭ ކުޅުމެެއް ދެއްކޭގޮތްވަނީ ނުވެފައެވެ. އަދި ޖަރުމަނު ކަޕުން ވަކިވާންޖެހުނީ ދެވަނ ޑިވިޝަންގެ ޓީމެއް ކަމަށްވާ ސެއިންޓް ޕައުލީ އަތުން ބަލިވުމުންނެވެ.

ޑޯޓްމުންޑުން ހާމަކުރިގޮތުގައި އެޓީމްގެ އާ ކޯޗިންގް ޓީމްގެ ތަފްސީލް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހާމަކުރާނެކަމަށެވެ. ރޯސްގެ ކޯޗްކަމުގެ ދަށުން ޑޯޓްމުންޑް މިސީޒަންގައި ކުޅުނު 47 މެޗްގެ ތެރެއިން މޮޅުވެވިފައިވަނީ 27 މެޗުންނެވެ. އަދި 16 މެޗުން ބަލިވެފައިވެއެވެ.

ޑޯޓްމުންޑްގެ ޗީފް އެގްޒެކެޓިވް ހާންސް ޔޯކިމް ވަޓްޒްކާ ވިދާޅުވީ އެ ކްލަބާއި ކޯޗާއި ދެމެދު އޮންނަ އިހްތިރާމް އަދިވެސް ވަރަށް ބޮޑަށް އޮތުމާއެކު، މިއީ ނިންމަން ފަސޭހަ ނިންމުމަކަށް ނުވި ކަމަށެވެ. ނަމަވެސް މިސީޒަންގައި ގިނަ ދާއިރާތަކުން ޓީމަށް އެންމެ އެދެވޭ ނަތީޖާ ނެރެވިފައިނުވާތީ މިނިންމުން ނިންމަން ޖެހުނީކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.