އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ އޯލް އިންޑިއާ ޓެނިސް މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ އުމުރުން 12 އަހަރުގެ ނަބާ ނިޝާން ހޯދައިފިއެވެ.
މި މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ނަބާ ހޯދީ ހުކުރު ދުވަހުގެ ހެނދުނު ކުޅުނު ފައިނަލް މެޗުގައި އިންޑިއާގެ އާކީޝާ ގޯޝް ބަލިކުރުމަށްފަހުއެވެ. އެގޮތުން މި މެޗު ނަބާ ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ނަބާ ކާމިޔާބުކުރީ ފަހަތުން އަރައި 6-4 އިންނެވެ. އަދި އުމުރުން 14 އަހަރުގެ އާކީޝާ އަތުން ދެވަނަ ސެޓުގައި ނަބާ ކުރިހޯދީ 6-2 ގެ ނަތީޖާއަކުންނެވެ.
މުޅި އިންޑިއާއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ބެންގަލޫރުގެ ކުޅުންތެރިންގެ އިތުރުން، ކަރްނާޓަކާ ސްޓޭޓްގެ އެހެން ސިޓީތަކަށް ނިސްބަތްވާ ކުޅުންތެރިންނާއި އިންޑީއާގެ އިތުރު ފަސް ސްޓޭޓަކަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުން ނަބާ ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ އަހަރު އޭނާ ވަނީ އުމުރުން އެންމެ 11 އަހަރުގައި ގައުމީ ޓެނިސް މުބާރާތުގެ ތިން ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދައި، ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ހާއްސަ ޖާގައެއް ހޯދާފައެވެ. އެގޮތުން ގައުމީ މުބާރާތް ކާމިޔާބުކުރުމާއެކު، ނަބާއަކީ މިހާރު ގައުމީ މުބާރާތުގެ ރަން ތަށި ކާމިޔާބުކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާއެވެ.
އުމުރުން އެންމެ ހަތް އަހަރުގައި އަކުރަމް ކޯޗާއެކު ނަބާ ޓެނިސް ކުޅެން ފެށިއިރި، ނަބާއާ މެދު އުއްމީދުތަކެއް ކުރެވޭތީ އޭނާގެ އާއިލާއިން ވަނީ މިހާރު ފެންވަރު ރަނގަޅު ޓެނިސް ތަމްރީން ހޯދައިދޭން ބެންގަލޫރަށް ދިރިއުޅުން ބަދަލުކޮށްފައެވެ.