އިންޑިއާއިން ރާއްޖެއަށް އެންޓި ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހަދިޔާ ކޮށްފިއެވެ.
އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ހަދިޔާކުރި ޓީބީ ބޭސް މިއަދު ހެލްތު މިނިސްޓރީއާ ހަވާލުކުރެއްވީ އިންޑިއަން ހައިކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް ރޯހިތު ރަތިޝްއެވެ. ރާއްޖޭގެ ފަރާތުން މި ބޭހާއި ހަވާލުވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހް އަބްދުﷲ މާހިރެވެ.
މިއަދު އިންޑިއާއިން ހަވާލުކުރި އެންޓި ޓީބީ ބޭސް ވެގެންދާނީ ރާއްޖެ 2025 ވަނަ އަހަރަށް ޓީބީގެ ބަލި ރާއްޖެއިން ނައްތާލުމަށް ކުރަމުންދާ މަސައްކަތައް އިތުރު އެހީއެއްގެގޮތުގައި ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ.
މި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނެއެވެ. މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމްޑީއާރް-ޓީބީ) ވެސް ހިމެނެއެވެ.
މި އެންޓި-ޓީބީ ބޭސްތައް ހަދިޔާކޮށްފައި ވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް(އެން.ޓީ.އީ.ޕީ)ގެ ސްޓޮކުންނެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ، ރާއްޖޭގެ ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.
ޓިއުބަކިއުލޮސިސް (ޓީބީ) އަކީ ސަލާމަތްތެރިވެ އެއިން ރަނގަޅުވެވޭދަފަ ބައްޔެއްކަމުގައި ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔެވެ.
ދެކުނު އޭޝިޔާގެ ބައްރަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި ކަމުގައިވެފައި، ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މީހުންގެ އަދަދުގެ %43 މީހުންނަނީ ދެކުނު އޭޝިޔާގެ މީހުންކަމަށް ވާއިރު، އޭގެ ތެރެއިންވެސް ބޭސްފަރުވާއިން ރަނގަޅު ނުކުރެވޭ ތިން ބައި ކުޅަ އެއްބަޔަކީ މި ސަރަޙައްދުގެ މީހުންނެވެ.