އޮންލައިން ޓްރޭޑިން ހިގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ، މަނީލޯންޑަރކުރި ކަމުގެ ތުހުމަތުތަކަށް އަލްހާން އިންކާރުކޮށްފިއެވެ.
މިމައްސަލާގައި އަލްހާން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. ފުލުހުންގ އަލްހާންގެ މައްޗަށް ތުހުމަތުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން އާއްމުންނަށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ޤަވައިދާ އުސޫލްތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ އެ ފައިސާ ލޯންޑަރ ކޮށްފައިވާކަމުގެ ތުހުމަތެވެ.
މިމައްސަލާގައި ފުލުހުންގެ އިދާރާގައި ދޮޅު ގަޑިއެއްހާއިރު ހޭދަ ކުރެއްވުމަށްފަހު ނިކުމެ ވަޑައިގެން ކުރެއްވި ޓުވީޓެއްގައި އަލްހާން ވިދާޅުވީ މަކަރާ ހީލަތް ހަދައިގެން މީހުން އަތުން ފައިސާނަގާ މަނީލޯންޑަރ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތަށް އޭނާ ކަނޑައެޅިގެން އިންކާރު ކޮށްފައިވާކަމަށެވެ. އަދި މިކަމުގައި އޭނާގެ އަބުރު ގެއްލުވާލައި، ދޮގު ތުހުމަތުތަކެއް ކުރާތީ ފުލުހުންގެ މުވައްސަސާއާއި ދެކޮޅަށް ދައުވާ ކުރާނެކަމަށް އަލްހާން ވަނީ ވިދާޅުވިއެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިގްސް އިން ކޮށްފައިވާ ސާފު ވިޔަފާރީގެ މުޢާމަލާތަކާއި ގުޅިގެން، މޯލްޑިވްސް ޕޮލިސް ސާވިސް އިން އަޅުގަނޑު މަކަރާހީލަތުން މީހުން އަތުން ފައިސާ ނަގައިގެން، މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް، އަބުރު ގެއްލުވާލަން މަސައްކަތްކުރާ މައްސަލާގައި ފުލުހުންގެ މައްޗަށް ދައުވާކުރާނަން!
– އަލްހާން ވިދާޅުވިއެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއާއެކު އޮންލައިން ޓްރޭޑް ކުރި މީހުންނަށް މިވަގުތު ފައިސާ ދިނުމަށް ދަތި ކަމަށާއި ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ ކުރިން ފައިސާ ދިނުނުގެ އިންތިޒާމު ރަނގަޅަށް ހަމަޖެއްސޭނެ ކަމަށް ފެންނަ ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުންޏާ އެކު އެތައް ހާސް ވިޔަފާރިއެއް ކޮށްފައިވާ ގިނަ ބަޔަކަށް ރިފަންޑް ނުލިބި ލަސްވާތީ ކަމާ ގުޅޭ އިދާރާތަކަށް އެތައް މައްސަލައެއް ވަނީ ހުށައަޅާފައެވެ.
ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ މި ފަދަ ފަންޑުތަކަށް އިންވެސްޓްކޮށް ފައިސާ ނުލިބި ތިބި މީހުން އެކަން އެ އިދާރާއަށް އަންގާދިނުމަށް އެދިފައެވެ. އިންވެސްޓްކުރި މީހުން އެމީހުންނަށް ލިބުނު ގެއްލުންތައް އަންގާ މިކަމުގައި ޖިނާއީ ތަހުޤީގެއް ހިންގަން ފެށުމުންވެސް މި ކަމަކީ މަދަނީ މައްސަލައެއްކަމަށް ބުނެ އެކަމަށްވެސް އަލްހާން ވަނީ ފާޑު ކިޔުއްވާފައެވެ.